31 Jan 2024, 11:01
ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އެއްވެސް ޖެހިލުމެއް ނެތި ހަމަލާ ދެނީ މި ސަރުކާރުން ކުށްކުރާ ގްރޫޕުތަކާ އެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން ކަމަށް ބުނެ، ސަރުކާރުން ކުށްކުރާ ގްރޫޕުތަކަށް ހިމާޔަތްދޭ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ.
މިއަދު ހެނދުނު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދީ ވަނީ ޒަޚަމުކޮށްލައިފައެވެ. އޭނާއަށް ޒަޚަމުވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާގެ ހާލު ރަނގަޅު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޝަމީމަށް ދިން ހަމަލާ ހަރުއަޑުން ކުށްވެރިކޮށް އިދިކޮޅު އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން ރައްޔިތުންނާއި ދުސްތޫރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރައްވާ ބޭފުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެފައިވާ ކަމަށެވެ.
"ނިމިދިޔަ ސަރުކާރުގައި ރާއްޖޭގައި މާރާމާރީ މަދު ކުރެވިފައިވަނިކޮށް ރައީސް ޑރ. މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން މާރާމާރީތައް ވެސް އިތުރުވެފައިވާކަން މި ޕާޓީން ފާހަގަކުރަމެވެ،" އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ބުނީ، މި ސަރުކާރުގައި މިފަދަ އަނިޔާވެރި އަމަލުތައް އާންމުވެފައިވާ ކަމަށެވެ. އަދި، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ޖެހިލުމެއް ނެތި ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިން ކުށްކުރާ ގްރޫޕުތަކާ އެކު ބާއްވާ ގާތްކަމުގެ ސަބަބުން ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
"ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ޖެހިލުމެއްނެތި ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާހުރެ އެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން ކަން މި ޕާޓީން ގަބޫލުކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީން ވަނީ ޕީޖީ ޝަމީމަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގައި، ދައުލަތުގެ ވެރިންނަށް ފޯރުކޮށްދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ އަދި ހަމަލާދިން މީހުން ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންނަން ސަރުކާރަށް ގޮވާލައިފައެވެ. އެ ޕާޓީން ވަނީ ކުށްކުރާ ގްރޫޕުތަކަށް ސަރުކާރުން ހިމާޔަތް ނުދޭން ވެސް ގޮވާލައިފައެވެ.