އެއްވެސް ހަމައެއް ލަމައެއް ނެތި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލު ނުކުރެވޭނެ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިމިޤުރާޠީ ހަމަތަކުގެ މަތިން ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސަކު، އެއްވެސް ހަމައެއްލަމައެއް ނެތި އަޒުލު ނުކުރެވޭނެ ލަ،ަށެވެ.

އިއްޔެ ވެސް އިދިކޮޅު އެމްޑީޕީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕް (ޕީޖީ)ން ނިންމާފައިވާ ކަމަށާއި މިހާރު އޮތް ނިންމުމަށް ބަދަލެއް ނާންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ދައުރު ނިމުމުގެ ކުރިން އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ.

އެހެންނަމަވެސް އެކަން ކުރާނެ ވަކި ތާރީޚެއް ބުނަން އެ ޕާޓީން ވަނީ ދެކޮޅު ހަދައިފައެވެ.

ޝަހީމްގެ ޕޯސްޓުގައި އޭނާ ވިދާޅުވީ، ގާނޫނީ ވެރިކަން ހިންގަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި، ރައީސް މުޢިއްޒު ވެރިކަން ކުރައްވަނީ ރައްޔިތުންނާއި ގައުމަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އަޒުލު ކުރުމުގެ މަސައްކަތް ފަސޭހަ ކުރުމަށް މީގެ ކުރިން އެމްޑީޕީން ވަނީ މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ގެނެސްފައެވެ. އެގޮތުން އެއްވެސް ދާއިރާއެއްގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ގޮނޑިއެއް ނުލައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް އިސްލާހު ވަނީ ގެނެސްފައެވެ. އެ އިސްލާހާ އެކު މަޖިލީހުގެ 54 މެންބަރުންގެ ވޯޓުން ރައީސް އަޒުލުކުރެވޭނެއެވެ. މަޖިލީހުގައި މިހާރު އެ އަދަދަށް ސަރުކާރާ އިދިކޮޅު މެންބަރުން އެބަތިއްބެވެ.

އެކަމަކު، އެ ގަވާއިދު ގާނޫނު އަސާސީއާ ޚިލާފު ކަމަށް ބުނެ ބަންޑާރަނައިބުގެ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

ރައީސް އަޒުލު ކުރުމަށް ސޮއި ހަމަކޮށް މި ދައުރު ތެރޭގައި މަޖިލީހަށް ހުށަހަޅަން ނިންމުމުގެ އިތުރުން، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ވޯޓާއެކު ވަނީ ރައީސް އައްޔަނު ކުރެއްވި ތިން ވަޒީރުންނަށް ރުހުން ނުދޭން ފާސްކޮށްފައެވެ. އޭގެ ތެރޭގައި ޝަހީމް ވެސް ހިމެނިވަޑައިގަންނަވައެވެ.

އެހެންނަމަވެސް ރައީސް ވަނީ އެ ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަނު ކުރައްވައިފައެވެ.