ރާއްޖޭގެ ކްރިކެޓް ބޯޑުގެ އެލީޓް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އިތުރު ތަމްރީން ހެދުމަށް ދެ ކުޅުންތެރިޔަކު މިއަދު ޝްރީލަންކާ އަށް ފުރައިފި އެވެ.

ދެ މަސް ދުވަހުގެ މި ޕްރޮގްރާމަގއި ބައިވެރިވަނީ ގައުމީ ޓީމުގެ ދެ ކުޅުންތެރިންކަމަށްވާ ހަސަން ހާޒިޤް އާއި މުހައްމަދު ރިޝްވާނެވެ.

މި ދަތުރުގެ ތަމްރީންތައް ހެދުމަށް ހަމަޖެހިފައި ވަނީ ލަންކާގެ މާތަރާގައި އެ ތަނުގެ ޑިސްޓްރިކްޓް ކޯޗުންގެ ބެލުމުގެ ދަށުންނެވެ.

ކުރިކެޓު ބޯޑުން މައުލޫމާތު ދޭގޮތުގައި ދެ މެސް ދުވަހުގެ އެ ޕްރޮގްރާމްގައި ތަމްރީންތަކުގެ އިތުރުން އެ ދެ ކުޅުންތެރިން އެތަނުގެ ޓީމްތަކުގައި މެޗްތަކެއް ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެތަމްރީނަކީ ރާއްޖޭގެ ކުރިކެޓް ބޯޑުން ހަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ވެސް މައުލޫމާތު ދެއެވެ.

ކުރިކެޓް އެލީޓް ޑިޕެލޮޕްމަންޓް ޕްރޮގްރާމަކީ ކުރިކެޓް ކުޅުންތެރިންގެ ތެރެއިން ފާހަގަ ކުރެވޭ މޮޅެތި ކުޅުންތެރިންނަށް އަމާޒްކޮށްގެން އެ ކުޅުންތެރިންގެ ހުނަރު އިތުރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.