އިންޑިއާގެ ގިނަ ބަޔަކު ސިއްސުވާލި "ދަ އިންދްރާނީ މުކަރުޖީ ސްޓޯރީ"ގެ ހަގީގަތް ކިޔައިދޭ ޑޮކިއުމެންޓްރީއެއް ނެޓްފްލިކްސްއިން ގެނެސްދޭން ނިންމައިފިއެވެ.

މިއީ މުމްބާއީގެ މެޓްރޯ ވަން (ރިލަޔަންސް އިންފްރާސްޓްރަކްޗާ)ގައި މަސައްކަތް ކުރި 25 އަހަރުގެ ޝީނާ ބޯރާ ގެއްލުވައިލި ހާދިސާގެ ހަގީގަތް ކިޔައިދޭ ޑޮކިއުމެންޓްރީ ސީރީސްއެކެވެ.

ޝިނާ ބޯރާ މަރާލުމަށްފަހު އޭނާގެ ހަށިތައް އަންދާލި ކަމުގެ ތުހުމަތުގައި ޝީނާގެ މަންމަ އިންދްރާނީ މުކަރުޖީއާއި ދޮން ބައްޕަ ޕީޓަ މުކަރުޖީ ސިފައިން ހައްޔަރު ކުރީ ޝީނާއަށް ވީނުވީއެއް ނޭނގި ގެއްލުނުތާ ތިން އަހަރު ފަހުން 2015ވަނަ އަހަރުއެވެ. ދޮންދަރިފުޅު ޝީނާ ބޯރާ މަރާލިކަމަށް ދޮން ބައްޕަ އެއްބަސްވެފައިވާއިރު މަންމަ އިންދްރާނީ ވަނީ އަމިއްލަ ދަރިފުޅު މަރާލުމުގެ ރޭވުމުގައި އެހީތެރިވެ އެކަމަށް އެއްބާރުލުންދީ ހެކި ނައްތާލުމުގެ ކުށުގައި ހަ އަހަރު ދުވަސް ޖަލުގައި ހޭދަކޮށްފައެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން 2022ވަނަ އަހަރު އިންދްރާނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާއިރު ޝީނާގެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅޭ އެއްވެސް އަމަލެއް ހިންގުން އޭނާއަށް ވަނީ ގާނޫނީގޮތުން މަނާކޮށްފައެވެ. އެގޮތުން އިންދްރާނީއަށް ވަނީ މި މައްސަލައިގެ ހެކިވެރިންނާ މުއާމަލާތުކުރުން މަނާކޮށް މުމްބާއީގެ އިތުރުން އިންޑިއާއިން ބޭރުވުން ވެސް މަނާކޮށްފައެވެ.

އިންދްރާނީ މުކަރުޖީ އަދި ދަރިފުޅު ޝީނާ-- ފޮޓޯ/އިންޓަނެޓް
ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ނެޓްފްލިކްސްއިން ޕްރިމިއާ ކުރުމަށް ނިންމާފައިވާ މި ޑޮކިއުމެންޓްރީ ސީރީސްއިން އިންދްރާނީގެ އާއިލާގެ ތެރޭ ފޮރުވިފައިވާ އަނދިރި ފަރާތް ބެލުންތެރިންނަށް ފެންނާނެކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.

މުޅި އިންޑިއާ ހަލަބޮލިކޮށް އެތައް ބަޔަކަށް ހިތާމަވެރިކަމެއް ގެނުވައިދިން މި ހާދިސާ ކިޔައިދޭ ޑޮކިއުމެންޓްރީ ސީރީސްއިން އިންދްރާނީގެ ހާއްސަ އިންޓަވިއުއެއް ވެސް ގެނެސްދެވޭނެކަން ނެޓްފްލިކްސްއިން ވަނީ އިއުލާނުކޮށްފައެވެ. އިންދްރާނީ އަކީ ހިއުމަން ރިސޯސަސްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށް އިންޑިއާގެ މީޑިއާތަކަށް ވެސް މަސައްކަތްކޮށްދިން މީހެކެވެ.