ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ލުފްޝާން ޝަކީބު (ލޫއްޕެ) މިނިވަންކުރުމަށް ސިޓީ ކައުންސިލުން އެދެފި އެވެ.

މާލޭގެ މޭޔަރު މައިޒާން އަލި މަނިކު (އަލިބެ) ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށް މިއަދު ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ އިއްޔެ ލޫއްޕެ ހައްޔަރުކޮށްފައި ވަނީ އުސް ފަސްގަނޑު ސަރަހައްދުގައި ހިނގި ކަންތައްތައް ބައްލަވަން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. ހައްޔަރު ކުރީ ކައުންސިލަރެއްކަން އަންގައިދޭ ކާޑު ފުލުހުންނަށް ދައްކާފައި ވަނިކޮށް ކަމަށާއި ނަމަވެސް ހައްޔަރު ކުރީ އެކަމަށް އިހްތިރާމު ނުކޮށް ކަމަށެވެ.

"ހައްޔަރު ކުރެއްވީ ފުލުހުންގެ އޮފިސަރުންނަށް އޭނާއަކީ ދޫކޮށްފައިވާ ކައުންސިލަރެއްކަން އަންގައިދޭ ކާޑު ވެސް ދައްކާފައިވަނިކޮށް އެއަށް އެއްވެސް އިހްތިރާމެއް ކުރެއްވުމެއް ނެތިކަން އެނގިފައިވެ އެވެ. ވީމާ ލުފްޝާން ޝަކީބު ހައްޔަރު ކުރައްވާއްވާފައި ވަނީ އޭނާއާއި ހަވާލުކުރެވިފައިވާ ކައުންސިލްގެ މަސައްކަތުގައި އުޅުއްވަނިކޮށް ކަމަށްވާތީވެ، ތިޔަ ސާވިސްއިން ކުރައްވާއިވާ ހައްޔަރުން އޭނާ މިނިވަން ކޮށްދެއްވުމަށް ދެންނެވީމެވެ،" އަލިބެ ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

އުސް ފަސްގަނޑު ސަރަހައްދުގައި ފުލުހުން ކުރަމުންގެންދާ ކަންތައްތައް ބެއްލެވުމަށްޓަކައި އިއްޔެ ސިޓީ ކައުންސިލްގެ މެންބަރު އުސް ފަސްގަނޑުގައި ހަރަކާތެރިވި އެވެ. ނަމަވެސް ލޫއްޕެ ހައްޔަރު ކުރި އިރު، އޭނާ ހުންނެވީ އެމްޑީޕީގެ ސަޕޯޓަރުން ފުލުހުންނާ ދެކޮޅަށް އަޑު އުފުލަމުންދިޔަ ޓްރެކް ސަރަހައްދަށް ޖަމާވެފައިވާ މީހުންގެ ތެރޭގަ އެވެ.

ފުލުހުންގެ މިއަދު ބުނެފައި ވަނީ މަޖިލިސް މެންބަރު އިންތިޔާޒް ފަހުމީ (އިންތި) އާއި ލޫއްޕެއާ މެދު ވެސް އަމަލު ކުރާނީ އިއްޔެ ހައްޔަރު ކުރި އެންމެންނާމެދު ވެސް އަމަލު ކުރާ ގޮތަށް ކަމަށެވެ. އަދި އިންތި އާއި ލޫއްޕެގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ.