12 Aug 2010, 06:40
12:30
ސިވިލް ސާވިސް ކޮމިޝަންގައި ހިމެނުމަށް ކޮމިޓީން ކަނޑައެޅުއްވި ހަތަރު ބޭފުޅަކާއި އަލަށް އެކޮމިޝަންގައި ހިމެނިވަޑައިގަތުމަށް ނަން ހުށަހެޅުއްވި ބޭފުޅަކާ އެކު ސިވިލް ސާވިސް ކޮމިޝަނަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ކޮމިޝަންގައި ހިމެނުމަށް ކޮމިޓީން ނިންމެވި ފަސް ބޭފުޅުންގެ ތެރެއިން ފާސްވީ މިހާރު ވެސް އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ލަތީފާއި އެ ކޮމިޝަންގެ މިހާރު ވެސް މެންބަރު މުހައްމަދު ފަހުމީ ހަސަނާއި، ކުރީގެ ފައިނޭސް މިނިސްޓަރު އަބްދުﷲ ޖިހާދާއި، ގ. ނިއުވޭވްސް އަހުމަދު ހަސަން ދީދީ އާއި ހަދީހާ އާދަމް އެވެ.
ޑރ. ލަތީފަށް 72 ވޯޓާ އެކު މުޅި މަޖިލީސް މިއަދު އިއްތިފާގުވި އިރު، ފަހުމީ ހަސަނަށް ލިބިވަޑައިގެންފައި ވަނީ 71 ވޯޓް، އަހުމަދު ހަސަން ދީދީ އަށް 71 ވޯޓް، އަބްދުﷲ ޖިހާދަށް 71 ވޯޓް، އަދި ހަދީޖާ އާދަމަށް 69 ވޯޓެވެ.
ކޮމެޓީން ކަނޑައެޅުއްވި ނަންފުޅުތަކުގެ ތެރެއިން މަޖިލީހުގެ ރުހުން ލިބިވަޑައިގެންފައި ނުވަނީ ހ. ނީލްވިލާ، ލީނާ ޒާހިރު ހުސެއިނަށެވެ. އޭނާ ކޮމިޝަނުގައި ހިމެނުމަށް 31 ބޭފުޅަކު ވޯޓް ދެއްވި އިރު، 36 ބޭފުޅަކު ވޯޓް ދެއްވީ ނުފެންނަ ކަމަށެވެ.