30 Jan 2024, 22:03
ސްޓެލްކޯއިން ފެނަކަ ކޯޕަރޭޝަނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފިއެވެ.
އެ އެމްއޯޔޫގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދެވެ.
އެ ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ، ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނާއި އެކުންފުންޏަށް ބޭނުންވާ އެހީތެރިކަން ސްޓެލްކޯއިން ފޯރުކޮށްދޭނެ ކަމަށެވެ.
"މީގެ ދަށުން އަޅުގަނޑުމެން ފެނަކައިގެ މުވައްޒަފުންނަށް މެކޭނިކަލް އިންޖީނައިރިންގެ ރޮނގުންނާއި އިލެކްޓްރިކަލް އިންޖީނައިރިންގެ ރޮނގުން ތަމްރީނުތައް ދެވިގެންދާނެ،" ފަހުމީ ވިދާޅުވިއެވެ.
މި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނީ ހިލޭ ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. އަދި ދެ ކުންފުނި ގުޅިގެން މަސައްކަތްކުރުމުން ސްޓެލްކޯއަށާއި ފެނަކައަށް ގިނަ މަންފާތަކެއްކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ފުޅާވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފެނަކައަށް ފަންނީ އެހީތެރިކަން ދިނުމަށް ފަހުމުނާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް
އެ ރަސްމިއްޔާތުގައި މުއާޒު ވިދާޅުވީ، އެ ކުންފުނިން އެންމެ ބޮޑު ޚަރަދެއް ކުރަނީ ޕަންޕާއި ޖަނަރޭޓަރުތައް ސާވިސް ކުރުމަށް ކަމަށާއި މިދިޔަ އަހަރު އެކަމަށް 117 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ސްޓެލްކޯއާ ގުޅިގެން މެޝިނަރީސް ސާވިސް ކުރެވިއްޖެ ނަމަ ޚަރަދު ކުޑަވެފައި އެކަށީގެންވާ ޚިދުމަތެއް އަޅުގަނޑުމެންނަށް ދެވިގެންދާނެ،" މުއާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސްޓެލްކޯގެ ފަރާތުން އެކުންފުންޏަށް ފޯރުކޮށްދޭ އެހީތެރިކަމަކީ މާލީ ގޮތުން އެކުންފުންޏަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.