30 Jan 2024, 15:33
ކުރިއަށް އޮތީ ރަމަޟާން މަސްކަން ފާހަގަކުރައްވައި، އުންމީދު ކުރައްވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓައިލާނެ ކަމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނާލްޑް ލޫއާ މިއަދު ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ވަނީ ރާއްޖެއާއި އެމެރިކާއާ ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
އަދި މީގެ އިތުރުން މި ބައްދަލުވުމުގައި ލޫ ވަނީ ރާއްޖެއާ އެ ގައުމާ ދެމެދު ހާއްސަކޮށް ވިޔަފާރި އާއި ފަތުރުވެރިކަމާއި، އިގްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެމެރިކާގެ ޝައުގުވެރިކަން ހުރިކަން ފާހަގަކުރައްވައިފައެވެ.
އޭގެ އިތުރުން، އިންޑިއާ ކަނޑުގެ ސަލާމަތް ދެމެހެއްޓުމުގައި އެކުގައި މަސައްކަތް ކުރުމަށް ވެސް މަޝްވަރާގައި ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ލޫ ވަނީ ރައީސަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމާ، ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ މަސްދުވަހުގެ ތެރޭގައި ފާހަގަކޮށްލެވޭ ޑިމޮކްރެޓިކް އަމަލުތަކަށް ތަޢުރީފު ކުރެއްވިއެވެ.
ދެ ބޭފުޅުންގެ މަޝްވަރާތައް ކުރިއަށް ދިޔައިރު ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކުރުމާމެދު އަންނަނީ މަޝްވަރާކުރެވެމުންނެވެ.