ކްރިމިނަލް ކޯޓްގެ އަމުރަކާއެކު އުސްފަސްގަނޑު ބަލައި ފާސްކުރަން ފުލުހުން އިއްޔެ ފެށި އޮޕަރޭޝަން ނިންމާލައި އުސްފަސްގަނޑުން ފައިބައިފި އެވެ.

ފުލުހުން އުސް ފަސްގަނޑަށް އެރީ އިއްޔެ ހެނދުނުގެ 8:00 ޖަހާކަން ހާއިރު އެވެ. ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރެއް ނެރެދީފައި ވަނީ އުސް ފަސްގަނޑު ފާސްކުރަން ފަށާތާ 48 ގަޑިއިރުގެ މުއްދަތަށެވެ.

ފުލުހުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ މިއަދު މެންދުރު 2:00 އިން ފެށިގެން އުސް ފަސްގަނޑު ދޫކޮށްލަން ނިންމާ އެތަން ފައިބާފައިވާ ކަމަށެވެ. ފުލުހުން ކުރިން ބުނެފައި ވަނީ އުސް ފަސްގަނޑު ހަވާލު ކުރަންޖެހޭ ފަރާތެއް ކޯޓުން ކަނޑައަޅަންދެން އުސް ފަސްގަނޑު އޮންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ފުލުހުން އުސްފަސްގަނޑު ދޫކޮށްލީ ބަލައި ފާސް ކުރުމުގެ އަމުރުގައި ބާކީ ވަގުތު އޮއްވަ އެވެ.

އުސް ފަސްގަނޑު ބަލައި ފާސްކުރުމަށް ފަހު ފުލުހުން އިއްޔެ ބުނެފައިވަނީ އެތަނުގައި ޖިނާއީ ކުއްތަކެއް ހިންގާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އަދި އެއާ އެކު ފުލުހުން ވަނީ އުސްފަސްގަނޑުގައި ރޫޅާލާނެ ކަން އެމްޑީޕީއަށް އަންގާފަ އެވެ. ފުލުހުންނާއި ސިފައިން ގުޅިގެން އުސްފަސްގަނޑު ރޫޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމްޑީޕީން ސިވިލް ކޯޓަށް އެ މައްސަލަ ވެއްދުމާ އެކު ކޯޓުން ވަނީ އެތަން ރޫޅައިނުލުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ.

އުސްފަސްގަނޑު މައްސަލައިގައި އިއްޔެ އާއި ރޭ މާލޭގައި ވަނީ އެމްޑީޕީން މުޒާހަރާތައް ކޮށްފަ އެވެ. އަދި ރެއާއި އިއްޔެ ވަނީ މާލޭގައި ތަފާތު ހަމަނުޖެހުންތައް ހިންގާ ބައެއް މީހުންނަަށާއި ތަކެއްޗަށް ގެއްލުން ދީފަ އެވެ. އަދި މުޒާހަރާތަކުގެ ތެރޭގައި ފުލުހުން ވަނީ 50 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.