ވޮޝިންޓަން (30 ޖަނަވަރީ 2024): އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން، ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށްފަހު އަލުން އޭނާގެ މަގާމުގެ މަސައްކަތަށް ނުކުމެވަޑައިގެންފިއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން ބުނާގޮތުން އޮސްޓިން މިހަފުތާގައިވަނީ އޮފީހަށް ނުކުމެވަޑައިގެން މަސައްކަތް އަލުން ފައްޓަވާފައެވެ. އުމުރުން 70 އަހަރުގެ އޮސްޓިން މީގެ ދޮޅު މަހެއްހާ ދުވަސްކުރިން ކުއްލި ގޮތަކަށް އޮފީހަށް ނުކުމެވަޑައިނުގެންނެވީ ޕްރޮސްޓޭޓް ކެންސަރުގެ އާލާސްކަންފުޅެއް ކުރިމަތިވެވަޑައިގެންނެވެ. އޮސްޓިންގެ މައްޗަށްވަނީ މިއާލާސްކަންފުޅުގެ ފުރިހަމަ ހަގީގަތް އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ދެއްވުމަށް ފަސްޖެހިވަޑައިގެންނެވި ކަމުގެ ތުހުމަތު ކުރެވިފައެވެ.

އާލާސްކަންފުޅާހެދި އޮސްޓިންއަށް އޮފީހަށް ނުކުންނެވޭވަރު ނުވީއިރުވެސް އޭނާގެ ބަދަލުގައި އެހެންބޭފުޅަކާ އޭނާގެ މަސައްކަތްތައް ހަވާލުކުރުމަށް ފަސްޖެހިވަޑައިގެންނެވި ކަމުގެ ތުހުމަތުވެސް އޮސްޓިންގެ މައްޗަށްވަނީ ކުރެވިފައެވެ.

މިމައްސަލައިގެ ކުރީކޮޅު ސަބަބު ބަޔާން ނުކުރައްވައި އޮސްޓިން އޮފީހަށް ނުކުމެވަޑައިނުގެން ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމުން އެކަމާމެދު ރައީސް ޖޯ ބައިޑެން ކަންބޮޑުވެވަޑައިގެން އޭނާގެ މުސްތަޝާރުންނާ ސުވާލުވެސް ކުރެއްވި ކަމަށްވެސް ވެއެވެ. ނަމަވެސް އޮސްޓިން އަށް ޖެހިވަޑައިގެންފައިވަނީ ކެންސަރުގެ އާލާސްކަންފުޅެއްކަން އެނގިވަޑައިގަތުމުން އެކަމާބެހޭގޮތުން ބައިޑެން ފަހުން އިތުރަށް ސުވާލު ނުކުރައްވާކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. އެބަލީގެ ހަގީގަތް އޮސްޓިން، ބައިޑެން އާ ހިއްސާކުރެއްވިކަމަށްވަނީ މާފަހުންނެވެ.

ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ދިފާއީ ވުޒާރާގެ މަތީލެވެލްގެ މަސައްކަތްތަކަށް މިކަމުގެ ސަބަބުން ލޮޅުންތަކެއް އެރިކަމަށާއި އޮސްޓިން އޭނާގެ އާލާސްކަންފުޅު ރައީސް ބައިޑެން އަށް ސިއްރު ކުރެއްވީ ކީއްވެގެންކަން ސާފުނުވާކަމަށް އެމެރިކާގައި އެދުވަސްވަރު ޝާއިއުކުރި މިޑިއާ ރިޕޯޓްތަކުން ހާމަވެފައިވެއެވެ.

ޕްރޮސްޓޭޓް ކެންސަރަކީ އެމެރިކާގެ 60 އަހަރުން މަތީ ފިރިހެނުންނަށް ވަރަށް ގިނައިން ކުރިމަތިވާ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް މިއީ ބަލީގެ ކުރީކޮޅު އެކަން ދެނެގަނެވި ރަނގަޅަށް ފަރުވާ ދެވިއްޖެނަމަ ރަނގަޅު ކުރެވޭ ބައްޔެކެވެ.

އޮސްޓިންއަށް ޕްރޮސްޓޭޓް ކެންސަރަށް ފަރުވާދީފައިވަނީ އެމެރިކާގެ މެރިލޭންޑްގައި ހުންނަ ވޯލްޓާ ރީޑް އަސްކަރީ މެޑިކަލް ސެންޓަރުންނެވެ. ކެންސަރު ނައްތާލުމަށް ކުރި އޮޕަރޭޝަނަށްފަހުވެސް އޮސްޓިންގެ ހާލުކޮޅު އިތުރަށް ގޯސްވެ އިތުރު ފަރުވާއަށް އޭނާ އެހޮސްޕިޓަލްގައި އޮންނަވަން ޖެހިވަޑައިގަތެވެ.

ނަމަވެސް ބަލީގެ ކޮންޕްލިކޭޝަންތައް ރަނގަނޅުވުމާއެކު އިއްޔެ އޮސްޓިންވަނީ ޕެންޓަގަންއަށް ވަޑައިގެން އަލުން މަގާމުގެ މަސައްކަތްތައް ކުރައްވަން ފައްޓަވާފައެވެ. ޚަބަރު ލިބޭގޮތުގައި އޮސްޓިންގެ ޕްރޮސްޓޭޓް ވަނީ އެއްކޮށް ނަގާފައެވެ.