ގުނަވަން ބޭނުންވާ ބަލި މީހުންނަށް ގުނަވަން ދިނުމަށް ސައުދީ އަރަބިއްޔާ އާއި ކުވޭތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ގުނަވަންތައް ޓްރާންސްޕްލާންޓް ކުރަން ޖެހޭ ބަލިމީހުންނަށް ގުނަވަން ހަދިޔާކޮށްފި އެވެ.

ސައުދީ ސަރުކާރާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ އަރަބް ނިއުސް އިން ބުނީ "ބްރެއިންޑެޑް" ގެ ބަލިމީހުންގެ ހަށިގަނޑުން ނަގާފައިވާ ބައެއް ގުނަވަންތައް މިދިޔަ ހަފުތާގައި ހަތް މީހަކަށް ހަދިޔާކޮށް، ޓްރާންސްޕްލާންޓް އޮޕަރޭޝަންތައް ކޮށްފައިވާ ކަމަށެވެ.

ބްރެއިން ޑެޑް (ސިކުނޑި ހުއްޓިފައިވާ) ބަލިމީހުންގެ ގުނަވަންތައް އެހެން ބަލިމީހުންނަށް ހަދިޔާ ކުރުމަށްޓަކައި ގުނަވަން ނެގުމުގެ ހުއްދަ ބަލިމީހުންގެ އާއިލާތަކުން ހޯދުމުގައި ސައުދީ އަރަބިއްޔާގެ ސެންޓަ ފޯ އޯގަން ޓްރާންސްޕްލާންޓޭޝަން (ސްކޮޓް) އަށް ކާމިޔާބުވީ މިދިޔަ ހަފުތާގައި ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ސައުދީ އަރަަބިއްޔާ އާއި ކުވައިތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަދިޔާކުރި ގުނަވަންތައް އިންދުމުގެ ހަތް އޮޕަރޭޝަން ވެސް ކޮށްފައި ވަނީ ދެ ގައުމުގަ އެވެ. އެގޮތުން ސައުދީ އަރަބިއްޔާގެ ޖިއްދާއާއި ރިޔާޒުގައި ހުންނަ ކިންގް ފައިސަލް ސްޕެޝަލައިޒްޑް ހޮސްޕިޓަލްގައި ކުރި އޮޕަރޭޝަންތަކުގައި ސައުދީ އަރަބިއްޔާގެ ދެ އަންހެނަކަށް ކިޑްނީ ހަދިޔާކޮށްފައި ވެއެވެ. އަދި ސައުދީ އަރަބިއްޔާގެ ފިރިހެނަކަށް ހިތެއް ހަދިޔާ ކުރި އިރު ކުވައިތުގެ އަންހެނަކަށް ލިވާ ހަދިޔާކޮށްފައި ވެއެވެ.