30 Jan 2024, 11:11
މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނަގާފައިވާ މައްސަލައެއް ފުލުހަށް ރިޕޯޓު ކުރީ މި މަހުގެ 25 ވަނަ ދުވަހުކަމަށެވެ.
މި މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން، 30 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް, އެ ގެއިން ވަގަށްނެގި ބައެއް ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހ. ތިމާވެށި ގެއަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ގެކޮޅެވެ. އެކަމަކު، އޭނާ މިހާރު ވެސް ދިރިއުޅުއްވަނީ އެ ތަނުގައި ކަމެއް އަދި ވައްކަން ކުރީ އޭނާ ދިރިއުޅެމުން ދިޔަ ފަންގިފިލާއިން ކަމެއް އެނގިފައެއް ނުވެއެވެ.
ފުލުހުން ބުނީ، ދެ މީހުންގެ ތެރެއިން 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. މި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ދެމީ ހުން ކަމަށް ފުލުހުން ބުންޏެވެ.
ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ތިމާވެށި ގެއިން ވަގަށް ނަގާފައިވާ ބައެއް ތަކެތި، އެ ތަނުން އެކަކު ދިރިއުޅޭ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަތުކުރީ ގަޑި ހިމެނޭ ކަމަށާއި މި ތަކެތީގެ އަގު މިލިއަނަކަށްވުރެ ބޮޑު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބައްދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ 30 ދުވަހަށް އަދި 38 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.