ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ދަ ޑިމޮކްރެޓްސްއިން 41 ދާއިރާއަކަށް ވާދަކުރާނެ ކަމަށާއި، ޕްރައިމަރީއެއް ބާއްވަން ޖެހެނީ އޭގެ ތެރެއިން ހަތަރު ދާއިރާއަކަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން ކުރި އިއުލާނެއްގައި ވަނީ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ޖުމްލަ 46 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 13 އަންހެނުންނާއި 33 ފިރިހެން ކެންޑިޑޭޓުން ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

މިހާރު މަޖިލީހުގައި ޑިމޮކްރެޓްސް ތަމްސީލު ކުރާ ގިނަ މެންބަރުން ވަނީ ޕްރައިމަރީއަކާނުލައި އެ ޕާޓީގެ ޓިކެޓު ކަށަވަރު ކޮށްފައެވެ. އޭގެ ތެރޭގައި:

  • މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް

  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ
  • މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
  • މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)
  • ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު

މި ޕާޓީން ޕްރައިމަރީ ބާއްވާ ދާއިރާތަކާއި ކުރިމަތި ލާފައިވާ ކެންޑިޑޭޓުންނަކީ:

  1. ކެލާ ދާއިރާ: މަރިޔަމް ޙަނީފާ ޚާލިދު، ފަތުޙުﷲ އިސްމާޢީލް

  2. ކަނޑިތީމު ދާއިރާ: އަޙްމަދު ރައިސަމް، ޢަލީ ނިފާޒް މުޙައްމަދު
  3. ހުޅުމާލެ ދެކުނު ދާއިރާ: ޙަސަން އަޤީލް، ޙުސައިން ފިރުޝާން، މުޙައްމަދު ފައިޞަލް
  4. ހެންވޭރު ދެކުނު ދާއިރާ: އަޙްމަދު އަސްވަން ނުޢުމާން، މުޙައްމަދު ސައިފް ފާތިޙް (އައިކޮ)

ޑިމޮކްރެޓްސްގެ އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.