ކުރީގެ ޕޮލިސް ކޮމިޝަނަރު އާދަމް ޒާހިރުގެ، ވަވަތީގައި ހިންގަމުންދިޔަ އޮފީހެއްގެ ތިޖޫރީ ވަގަށް ނަގައި ޓެކްސީއަކަށް ލައިގެން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

ވައްކަމުގެ އެ ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް ނުދީ އެކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ފުލުސް މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ މއ. ވަވަތީގެއިން ތިޖޫރީ އެއް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ގިނަ އަދަދަކަށް ސެކިއުރިޓީ ކެމެރާ ހަރުކޮށް، ހައި ސެކިއުރިޓީގައި ހުންނަ އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ހިންގަމުން އައި "ބްލެކް ގޯލްޑް" ގެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެ އޮފީހުގެ ތިޖޫރީ ވަގަށް ގެންގޮސްފައި ވަނީ ހަސަން ފަޒީލު ކިޔާ މީހެއް ކަން ސަން އޮންލައިނަށް ވަނީ ކަށަވަރުވެފަ އެވެ.

އެއާކޯން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އެމީހާއަކީ އއ. ތޮއްޑޫ މީހެކެވެ. އޭނާ ވަގަށް ނެގި ތިޖޫރީގައި ގާތްގަނޑަކަށް ދެ ލައްކަރުފިޔާ ހުރި ކަމަށް ވެއެވެ.

މިދިޔަ އާދިއްތަ ދުވަހު ކުރި އެ ވައްކަމުގައި ފަޒީލު ހައްޔަރު ކޮށްފައި ވަނީ، ވަވަތި ގެއިން ތިޖޫރީ ނެރެ ޓެކްސީއަކަށް އަރުވައިގެން ހ. މިލްކީވީއޭއަށް ބަލާނިކޮށް ކަމަށް ވެއެވެ.

މާލޭގައި ވައްކަމާއި ފޭރުން އިތުރުވެފައިވާއިރު، މިމަހުގެ މިހާތަނަށް ވައްކަމުގެ 422 މައްސަލަ އެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފަ އެވެ.