30 Jan 2024, 07:15
ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ހަތް އަހަރަށް ފަހު އެނބުރި ބޮލީވުޑުގެ ފިލްމަކަށް މިއުޒިކް އުފައްދަން ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އާތިފް މިއުޒިކް އުފައްދަން ތައްޔާރުވަމުން އަންނަ ފިލްމަކީ "ލަވް ސްޓޯރީ އޮފް ނައިންޓީސް"ގެ ނަމުގައި މޯޝަން ޕިކްޗާސް އުފައްދާ ފިލްމެކެވެ.
މޯޝަން ޕިކްޗާސްއަށް ގިނަ ފިލްމުތައް އުފައްދާފައިވާ ހަރޭޝް ސަންގާނީ އަދި ދަރުމޭޝް ސަންގާނީގެ މި ފިލްމުގެ ޑައިރެކްޓަރަކީ އަމިތު ކަސާރިއާއެވެ. ތަފާތު އެކި ސްޓްރީމިންގް ޕްލެޓްފޯމްތަކަށް ވެބް ސީރީސް އުފައްދާފައިވާ އަމިތުގެ "ލަވް ސްޓޯރީ އޮފް ނައިންޓީސް"ގެ ލީޑު ރޯލުން ފެންނާނީ އެކްޓަރު އަދްޔަޔަން ސުމަޔަންއެވެ.
ފިލްމު "ރާޒް- ދަ މިސްޓްރީ ކޮންޓިނިއުސް"ގެ އެކްޓަރާއެކު ލީޑް ރޯލުން ފެންނާނީ މިސް ޔުނިވާސް ދިވީތާ ރާއިކަމަށް ބޮލީވުޑް ހަންގާމާގައި ވަނީ ބުނެފައެވެ.

ޕާކިސްތާނު ލަވަކިޔުންތެރިޔާ އާތިފް އަސްލަ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާނާއެކު-- ފޮޓޯ/އެކްސް
ބޮލީވުޑްގެ ގިނަ ފިލްމުތަކަށް މީގެ ކުރިން ގިނަ ލަވަތަކެއް ކިޔައިދީ މިއުޒިކް އުފައްދައިދީފައިވާ ލަވަކިޔުންތެރިޔާ އާތިފްގެ މިއުޒިކާއެކު މޯޝަން ޕިކްޗާސްގެ މި ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ބުނެފައެވެ. އާތިފް ގެނައުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށާއި ނަމަވެސް ފިލްމުގެ ސްކްރިޕްޓް އަޑުއެހުމަށްފަހު ކާމިޔާބު ލަވަކިޔުންތެރިޔާ ބޭނުންވީ ފިލްމުގައި ބައިވެރިވުމަށް ކަމަށް ސަންގާނީ ވަނީ ބުނެފައެވެ.
އިންޑިއާގެ އިތުރުން ދުނިޔޭގެ އެތައް ބައެއްގެ މެދުގައު މަގުބޫލު ލަވަކިޔުންތެރިޔާގެ މަޝްހޫރު ބޮލީވުޑް ލަވަތަކުގެތެރޭ ފިލްމު "ރޭސް"ގެ 'ޕެހެލީ ނަޒަރުމޭ'، ފިލްމު "ޓައިގާ ޒިންދާހޭ"އަށް ކިޔައިދީފައިވާ ލަވަތަކުގެ އިތުރުން ފިލްމު "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ"އަށް ކިޔައިދީފައިވާ ލަވަތައް ހިމެނެއެވެ.