30 Jan 2024, 10:36
އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ވޭޕް ބޭނުންކުރުން މަނާކުރަން އިނގިރޭސިވިލާތުން ނިންމައިފިއެވެ.
އެ ގައުމުން އެ ގޮތަށް ނިންމީ ވޭޕް ބޭނުންކުރާ ޒުވާނުންގެ އަދަދު އިތުރުވަމުންދާތީ އެކަން ހައްލުކުރުމުގެ ގޮތުންނެވެ. އެ ނިންމުން މުޅި އިނގިރޭސިވިލާތުގައި ތަންފީޒުކުރާނެއެވެ.
އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ވޭޕް ބޭނުންކުރުން މަނާކުރަން ނިންމައިފައިވާއިރު، "ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް" އުފެއްދުމަށް ކުރާ މަސައްކަތުގެ ތެރެއިން 2009ވަނަ އަހަރުގެ ޖެނުއަރީ އެކެއްގައި އުފަންވި ނުވަތަ އޭގެ ފަހުން އުފަންވާ ކޮންމެ މީހަކަށް ސިނގިރޭޓް ވިއްކުން މަނާކުރާނެ ކަމަށް ވެސް އިނގިރޭސިވިލާތުން މިދިޔަ އަހަރު ވަނީ އިއުލާނުކޮށްފައެވެ.
ކުޑަކުދިންނަށް ވޭޕް ވިއްކުން ވެސް މަނާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމައިފައެވެ. ނަމަވެސް ސިގިރެޓް ބޭނުންކުރުން ހުއްޓައިލުމަށް މަސައްކަތްކުރާ މީހުންނަށް ސިގިރެޓްގެ ބަދަލުގައި ވޭޕް ބޭނުންކުރެވޭނެ ގޮތަށް ނިންމުމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ރިޝީ ސުނާކު ވަނީ ހުށަހަޅުއްވައިފައެވެ.
އަށާރަ އަހަރުން ދަށުގެ އެއްވެސް ކުޑަ ކުއްޖަކަށް ވޭޕް ވިއްކުމަކީ މިހާރު ވެސް އިނިގިރޭސިވިލާތުގައި ގާނޫނާ ހިލާފު ކަމެކެވެ. ނަމަވެސް އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ވޭޕަކީ އެކި ކުލައި ކުލައިގައި ހުރުމުގެ ސަބަބުން ޒުވާން ކުދިން އެ ގަތުމަށް ޝައުގުވެރިކަން އުފެދޭ އެއްޗެއްކަމަށް ސަރުކާރުން ބުނެއެވެ.
އެކްޝަން އޮން ސްމޯކިން އެންޑް ހެލްތު (އޭޝް) ޗެރިޓީގެ ހިސާބުތަކުން ދައްކާ ގޮތުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 7.6 އިންސައްތަ ކުދިން މިހާރު ގަވާއިދުން ނުވަތަ ދޭތެރެ ދޭތެރެއިން ވޭޕް ކުރެއެވެ. 2020ވަނަ އަހަރު އެ ނިސްބަތް ހުރީ 4.1 އިންސައްތައިގައެވެ.
އިނގިރޭސިވިލާތުގެ އިތުރުން އޮސްޓްރޭލިޔާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި ނިއުޒީލޭންޑުން ވެސް ވަނީ އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ވޭޕް ބޭނުންކުރުން މަނާކުރާނެ ކަމަށް އިއުލާނުކޮށްފައެވެ. ނަމަވެސް އެ ނިންމުން މިހާތަނަށް ތަންފީޒުކޮށްފައި ވަނީ ހަމައެކަނި ނިއުޒީލޭންޑުންނެވެ.