އާއިލާ އާއި ސްކޫލާއި ރައްޓެހިންގެ ތެރޭގައި މުހައްމަދު އަރުހަމުގެ މިޒާޖަކީ މަޑުމަޑުން ހުރުމެވެ. އެކަމަކު އޭނާ އަށް މަޑުން ނުހުރެވޭ ކަމެއް އޮވެއެވެ. އެއީ ކަމެއް ހިނގަންވީ އުސޫލާ އިދިކޮޅަށް ކަމެއް ހިނގާ ނަމަ އެކަމާ ދެކޮޅަށް ތެދުވުމެވެ. ދަރުމަވަންތަ ސްކޫލް ގްރޭޑް ނުވައެއްގައި ކިޔަވަމުން އައި ދަރިވަރަށް ވަޅިން ހަމަލާދީ ރޭ މެންދަމުން މަރާލީ ވެސް ކަމެއް އޮންނަންވީ ގޮތުގެ އުސޫލު ހިފަހައްޓަން މަސައްކަތް ކުރުމުން ކަމަށް އަރުހަމްގެ ގާތް ކުދިން ބުނެ އެވެ.

"އަރުހަމަކީ އުސޫލުގައި ހިފަހައްޓާ ކުއްޖެއް. ވަރަށް އެކަށީގެންވޭ މިއީ އުސޫލު ހިފެހެއްޓުމާ ދެކޮޅަށް އޭނާ އަށް ދިން އަދަބެއް ކަމަށް،" އަރުހަމާ އެއް ކްލާހެއްގައި ކިޔަވާ ދަރިވަރަކު ބުންޏެވެ. ވަޅިން "މަރުގެ އަދަބު" ދީފާނެތީ އޭނާއަށް ވެސް ނަން ބުނެލާކަށް ބޭނުމެއް ނޫނެވެ.

ކުއްލިއްޔާ ކައިރީގައި "ހަނިގޯޅި ޕާކް"ގެ ގޮތުގައި އާއި "ލޮރެންޒޯ" ޕާކްގެ ގޮތުގައި މަޝްހޫރު ކަމެއް ހޯދާފައިވާ ޕާކްގައި އަރުހަމް މަރާލާފައި ވަނީ ހަށިހަނޑުގެ ހައެއްކަ ތަނަށް ވަޅި ހަރައިގެނެވެ. މަރާލުމަށް ފަހު އޭނާ އެއްލާލާފައި ވަނީ ޕާކްގެ ތެރޭގައި ހުންނަ ހަޓެއްގެ ތެރެއަށެވެ. އާސަހަރާގައި އަރުހަމްގެ ހަށިގަނޑު ބާއްވާފައި އޮތް އިރު ގާތުގައި މަޑުކޮށްލައިގެން ހުރި އޭނާގެ ބޭބެއަކު ބުނީ އަރުހަމްގެ މަރުގެ ހަބަރު އާއިލާއަށް ގެެނެސްދިން ފޯނު ކޯލް އަައީ ރޭ ފަތިހު 6:00 ޖަހާ އެހާކަންހާއިރު ކަމަށެވެ.

"އަރުހަމް ހުންނާނީ ވަރަށް މަޑުން މަޑުން. މާހަލަބޮލި ކުއްޖެއް ނޫން އެއީ، މީހުންނާ ވަރަށް ގުޅޭ ކުއްޖެއްވީމަ ރައްޓެހި ކުދިން މަދު މަދުން ގެޔަށް ގެނެސްގެން ވެސް އުޅޭނެ. ރައްޓެހިންނަށް ވެސް ވަރަށް ރަނގަޅުވާނެ... އޭނާއާބެހޭ ގޮތުން ފޯން ކޯލެއް އައީ ފަތިހު އެ ކޯލުގައި ބުނަނީ އަރުހަމްްގެ ބެލެނިވެރިއެއްހެޔޭ؟ ވަރަށް އަވަހަށް ހޮސްޕިޓަލަށް އައިސްދީބަލާށޭ؟" ބޭބޭ ބުންޏެވެ.

ވަޅި ހަރައި މަރާލުމުން އޮހުނު ލެޔާއެކު ހިކިފައި އޮތް އަރުހުމްގެ ހަށިގަނޑު ފުރަތަމަ ފެނުނީ ލޮރެންޒޯ ޕާކް ސަރަހައްދުގައި އުޅުނު މީހަކަށެވެ. އޭރު އޭނާއަށް ވެސް އަރުހަމް އޮތީ މަރުވެފައި ކަމެއް ނޭނގެ އެވެ. އަދި ވަޅިން ހަމަލާދީ ޒަހަމްކޮށްފައި އޮތް ކަމެއް ވެސް ނޭނގެ އެވެ. އޭނާ ކަން ބޮޑުވީ ކުއްޖަކު ވެއްޓިފައި އޮތުމުންނެވެ.

"ފަތިސް ނަމާދަށް ނުކުމެ އުޅުނު މީހަކަށް ފުރަތަމަ ފެނުނީ. އެކަމަކު އޭނާއަކަށް ވެސް ނޭނގޭ މަރާލާފައި އޮތް ކަމެއް. ކުއްޖަކު ވެއްޓިފައި އޮތުމުން އޭނާ ފުލުހުންނަށް އެންގީ،" އަރުހަމް މަރާލާފައި އޮތް ސަރަހައްދުގައި ދިރިއުޅޭ މީހަކު މިއަދު ބުންޏެވެ.

ރޭ މާލެތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް އަރުހަމް ފެނި އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ މިއަދު ހެނދުނު އެވެ. ކަންދިމާކުރި ގޮތުން މަރާލާފައި އޮތް އަރުހަމްގެ ހަށިގަނޑު ފުރަތަމަ ފެނުނު ފުލުހަކީ އަރުހަމާ ދެބެންގެ ދެދަރި ކުއްޖެކެވެ.

ހޯރަފުށީ ނޫރީގޭ، އަރުހަމް 16، އަކީ އާއިލާގެ ހަމައެކަނި ފިރިހެން ކުއްޖާ އެވެ. ދެން ތިބެނީ ދެ އަންހެން ކުދިންނެވެ. ރަހުމް ކުޑަ ގޮތަކަށް އަރުހަމް މަރާލަން ޖެހޭ ސަބަބެއް ނެތް ކަމަށް އާއިލާއިން ބުނެ އެވެ. ދެރަވެފައި ތިބި އެ އެންމެވެސް ބުނީ މިތިބީ "ބުނާނެ އެއްޗެއް ނޭނގިފައި" ކަމަށެވެ. އާއިލާގެ ގިނަ މީހުންގެ ކިބައިގައި ވާހަކަ ދެއްްކުމުގެ ހިތްވަރެއް ވެސް ނެތެވެވެ.

"ނޫން... ނޫން! އޭނާއަށް ހަމަލާދޭންޖެހޭ ސަބަބެއް ނޯންނާނެ! " އާއިލާގައި ހިމެނޭ އަންހެން މެންބަރަކު އާ ސަހަރާގައި ހުރެ ރޮމުން ދިޔައެވެ.

އަރުހަމާ ބެހޭ ގޮތުން އާއިލާއިން ބުނަނީ ހަމައެކަނި އެންމެ ވާހަކަ އެކެވެ. އެއީ އަހުލާގު ރަނގަޅު ވާހަކަ އާއި އޭނާ މަރާލަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނާ ބުނުމެވެ. ރެއެއްގެ މެންދަމުގެ ވަގުތު އަރުހަމަށް ގެއިން ބޭރުގައި ހަމަލާދީ މަރާލާފައިވާ އިރު މެންދަމު ބޭރުގައި އުޅެންޖެހުނު ސަބަބެއް އެއިން އެއްވެސް މީހަކު ފާހަގައެއް ނުކުރެ އެވެ. އެ ސުވާލަށް އެމީހުން ދޭ ޖަވާބަކީ "އާންމުކޮށް ނޫޅޭނެ" ކަމަށެވެ.

އަރުހަމް މަރާލުމުގެ ހަމަލަ ގުޅިފައިވާ ސަބަބު ކަމަށް ހީވާ ކަމަށް ބުނެ އޭނާގެ ބައެއް ގާތް ކުދިން ވާހަކަ ކިޔައިދެނީ މިހެނެވެ: "މިމަހުގެ ކުރީކޮޅު ދަރުމަވަންތަ ފެއާގެ ތެރެއިން، އެތަނުގައި މަސްއޮޑި ގުރޫޕުން ވަދެ ތަންކޮޅެއް ހަމަނުޖެހުން ހިންގާ ކަހަލަ ގޮތަކަށް އުޅެން ފެށީމާ އަރުހަމް އެތާ ހުރެފައި ބުނި ކަލޭމެން ނުކުންނާށޭ! އެދުވަހު އެމީހުން ދަމުން ބުނީ 'ނ..ޅ ވިސްނައިގެން އުޅޭށޭ!' އޭގެ ފަހުން އަރުހަމް ހުރީ އެމީހުންނަށް ވޯންޓެޑް ވެފައި!" އަރުހަމާ އެއް ކްލާހެއްގައި ކިޔަވާ ގާތް ކުއްޖަކު ބުންޏެވެ.

އަރުހަމްގެ މަރާލުން، އޭނާގެ ކްލާސްމޭޓުން ސިފަކުރަނީ އަރުހަމްގެ ހިތްވަރު ގަދަކަމަށް ދިން އަދަބެއްގެ ގޮތުގަ އެވެ. އަރުހަމް މިއަދު ނެތަސް އެމީހުން އަރުހަމްގެ ހަނދާން އާކުރަނީ ރަނގަޅު ރަހުމަތްތެރި އެއްގެ ގޮތުގަ އެވެ.
"ވަރަށް ހެލްޕްފުލް، ވަރަށް ހިތްވަރުގަދަ ފްރެންޑެއް އެއީ، ވަރަށް ކެރޭނެ އޭނާ އަށް" އަރުހަމްގެ ކްލާސްމޭޓަކު ބުންޏެވެ.

ކެޑޭޓް ކޭމްޕްގައި ހުރައަށް ދިއުމަށް ފަހު އަރުހަމް މާލެ އައީ އިއްޔެ ހަވީރު 3:00 ޖަހާކަން ހާއިރު އެވެ. އަރުހަމްގެ ބޭބެއާ އޭނާއާ އެންމެ ފަހުން ބައްދަލުވީ ރޭ 8:00 ޖަހާކަން ހާއިރު ގޭތެރެއިންނެވެ. ރޭ ބައްދަލުވުމުގެ ކުރިޔަށް ވެސް ދަރުމަވަންތަ ފެއާއަށް ފަހު އަރުހަމަށް އިންޒާރުތަކަކާ ކުރިމަތިވެފައިވާކަން ބޭބެއަށް ވެސް އަދި އާއިލާގެ މެންބަރުންނަށް ވެސް އެނގިފައެއް ނުވެއެވެ.

"ކޭމްޕުން އައިރު ހުރީ ފައިވެސް ކޮންމެވެސް ވަރަކަށް ހަލާކުވެފައި، ދެން ޑޮކްޓަރަށް ދައްކާފައި. އަދި މިއަދުވެސް ދައްކާލަންވެގެން މެމޯވެސް ހައްދާފައި އޮންނާނީ. ގޭން ނުކުތީ އެބަ އަންނަމޭ ޓިއުޝަނަށް ގޮސްފައި ކިޔާފައި. ދެން ދަންވެގެން ގުޅިއިރު ވެސް ފޯނެއް ނުނެގި، ދެން ހެނދުނު ލިބުނީ މަރާލި ހަބަރު!" މާލޭގައި އަރުހަމްގެ ބެލެނިވެރިއެއް ބައި އަދާކުރާ ބޭބެ ބުންޏެވެ.

އަރުހަމްގެ ކްލާސްމޭޓުން ބުނާ ގޮތުން ފަހަކަށް އައިސް ގިނަ ވަގުތުތައް އަރުހަމް ހޭދަކުރީ އޭނާއަށް ހަމަލާދީ މަރާލީ ލޮރެންޒޯ ޕާކްގެ ތެރޭގަ އެވެ. އޭގެ ތެރެއިން ބައެއް ކުދިން ބުނީ ޕާކްގެ ތެރޭގައި ހުންނަ ޖޯލިފަތީގައި އޮވެގެން ބައެއް ނިދާވެސް ހަދާ ކަމަށެވެ.

"ރޭވެސް ކީ މިތާ [ޕާކް] ގައި ނިދާލަފާނަމޭ ފަހަރެއްގައި، ބޮޑަށް ބެލެވެނީ އެގޮތަށް ނިދާފައި އޮއްވާ ކަމަށް މަރާލާނީ!" ގާތް ކުއްޖަކު ބުންޏެވެ. "ބޮޑަށް ބެލެވެނީ ރޭ 2:00 ގެ ފަހުން ކަމަށް ހަމަލަ ދީފައި ވަނީ، އަހަރުމެން ވެސް އެހާއިރު ގެއަށް ވަނީ. އޭރުވެސް އޭނަ އުޅޭ މިތާ!"

އަރުހަމްގެ މަރަށް ފަހު ހޮސްޕިޓަލުން ބުނެފައި ވަނީ ހަށިގަނޑުގެ ހަ ތަނަކަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކަރާއި މެޔާއި އަތާއި އަދި ބުރަކައްޓަށް ވަޅި ޖަހައި ފުނަށް ވަނީ ޒަހަމްކޮށްފަ އެވެ. އަރުހަމަ ފެނުނު ހަށިގަނޑުން އޮހޮރުނު ލޭތައް ޕާކްގެ ހަޓްގެ ތެރޭގައި ހިކިފައި ހުއްޓެވެ.

އަރުހަމް މަރާލީ އެެވެ. މަރާލާފައި ވަނީ ރަހުމް ކުޑަ ގޮތަކަށެވެ. އޭނާއާއެކު އުޅުނު ގާތް ކުދިން ބުނަނީ މަރުވެގެން ދިޔައަސް ހިތްވަރުގަދަ ކެޑޭޓްގެ މަތިން ހަނދާން ނައްތާ ނުލެވޭނެ ކަމަށާއި ނުބައި ބަޔަކު އޭނާ އަށް "މަރުގެ އަދަބު" ދިނީ އެމީހުންގެ ކުރިމަތީގައި ހިތްވަރުގަދަކަން ދެއްކުމުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހަގީގަތް ހާމަވަނީ ފުލުހުންހެ ތަހުގީގުންނެވެ.