30 Jan 2024, 07:24
ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަނުން އުފައްދާ ތިންވަނަ ފިލްމު ރިލީޒްކުރާ ތާރީހު ވަރަށް ގާތްވެއްޖެއެވެ. އެއާ އެކު ފިލްމުގެ ފައިނަލް އަދި މެއިން ޕޯސްޓަރު އާންމުކޮށްފިއެވެ.
އައިފިލްމްސްއިން މިދިޔަ އަހަރުގެ ފަހުކޮޅުގައި އިއުލާނުކޮށްފައިވާ ފިލްމުގެ މަސައްކަތް ވަަރަށް ހަލުވިކަމާ އެކު ކުރިއަށް ގެންގޮސް މިހާރު ދައްކަން ފެށުމަށް ވަނީ ގާތްވެފައެވެ.
އެގޮތުން މި ބުރާސްފަތި ދުވަހު ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމުގެ މެއިން އަދި ފައިނަލް ޕޯސްޓަރު ވަނީ ދާދި ފަހުން އާންމުކޮށްފައެވެ.
މި ޕޯސްޓަރުން ފިލްމުގެ މައިގަނޑު ތީމަށް އަލިއަޅުވާލާއިރު ފިލްމުގެ ލީޑް އެކްޓަރުން އެކުގައި ފެނިގެން ދެއެވެ. އެއީ ނުޒުހަތު ޝުއައިބާއި ޝަރަފު އަބްދުﷲ އާއި ވާޝިޔާ މުހައްމަދާއި އިފްނާޒް ފިރާގުގެ އިތުރުން ފިލްމުގައި މުހިއްމު ރޯލެއް ކުޅޭ ކުޑަކުއްޖާ ސާރާއެވެ.
ފިލްމުގެ ޓްރެއިލާތަކާއި ބައެއް ޓީޒާތައް އާންމުކޮށްފައިވާއިރު މި ފިލްމު ވެގެންދާނީ ބިރުވެރި ފިލްމަކަށެވެ. ޓްރެއިލާތަކުން ވަނީ ފިލްމުގެ ބިރުވެރިކަން އާންމުންނަށް ދައްކުވައިލާފައެވެ.
އިއްލެގެ އިތުރުން ފިލްމުގެ ޑައިރެކްޝަނުގައި އިފްނާޒް ހަރަކާތްތެރިވާނެއެވެ. ފިލްމުގެ މިއުޒިކްގެ މަސައްކަތް ކުރާނީ ޝާހިދު ލެގަސީއެވެ. އަދި, ފިލްމްގެ ޕްރޮޑަކްޝަންގައި އިއްލެއާއި އާޝިމް އަލީ މަސައްކަތް ކުރާނެއެވެ. މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރާނީ "އޯކޭޒް އިންކް" އިންނެވެ.
ފިލްމުގެ ޓިކެޓު މިހާރު އަންނަނީ ދޫކުރަމުންނެވެ. އެގޮތުން އައިފިލްމްސްއިން ހާމަކުރާ ގޮތުގައި 7242555 އަށް ގުޅާލައިގެން ނުވަތަ ވައިބާ އަދި ވަޓްސްއެޕް ބޭނުންކޮށްގެން ޓިކެޓް ބުކް ކޮށްލެވޭނެއެވެ. އެއަށް ފަހު ޓިކެޓް ނަގަން އޮލިމްހަށް ދާކަށް ނުޖެހޭނެއެވެ.