29 Jan 2024, 20:03
ރައީސް ޑރ. މުހައްމަދު މުޢިއްޒު އަޒުލު ކުރަން ޖެހޭނީ، ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ކޯލިޝަން ތަމްސީލުކުރާ މެންބަރުންގެ "ފުރާނަ ދުއްވައިލައިފައި" ކަމަށާއި އެކަން ކުރަން ފުރުސަތެއް ނުދޭނެ އެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ތިން ވަޒީރަކަށް ރުހުން ނުދިނުމުން މިއަދު ޕީޕީއެމް ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލީމް ވިދާޅުވީ ރައީސް އަޒުލު ކުރެވޭނެ ކަމަށް ވިސްނައިގެން ވެސް ނުވާނެ ކަމަށާއި އެ މަސައްކަތްތައް އެ ކޯލިޝަނުން ހުއްޓުވާނެ ކަމަށެވެ.
"މިއީ އަޅުގަނޑުމެން ގެންދާ މައްސަލައެއް ނޫން. އަޒުލު ކުރުމުގެ މައްސަލައަށް އަޅުގަނޑުމެން މިއުޅެނީކީ ރައީސް އަޒުލު ކުރާކަށް ނޫން އެކަމަށް އަޅުގަނޑުމެން ފުރުސަތެއް ނުވެސް ދޭނަން" ސަލީމް ވިދާޅުވިއެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރަކު މިއަދު 'ސަން'އަށް ވިދާޅުވި ގޮތުގައި، އެމްޑީޕީއާއި ޑިމޮކްރެޓުން ގުޅިގެން ރައީސް މުއިއްޒު އަޒުލުކުރަން ބޭނުންވާ އަދަދަށް މެންބަރުން ވަނީ ސޮއިހަމަކޮށްފައެވެ. އެނގިފައިވާ ގޮތުގައި ސޮއިހަމަކުރި ނަމަވެސް އެ މައްސަލަ އަދި ހުށައެއް ނާޅައެވެ.
މަޖިލީހުން ރައީސް ވަކިކުރަން ފަސޭހަވާގޮތަށް މި ފަހުން ވަނީ މަޖިލީހުގެ ގަވާއިދު ވެސް އިސްލާހުކޮށްފައެވެ. މިހާރު މަޖިލީހުގައި އެމްޑީޕީގެ 43 މެންބަރުން ތިއްބަވައެވެ. އަދި، ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން ތިއްބަވައެވެ. އެއީ، ޖުމުލަ 56 މެންބަރުންނެވެ.
ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން 56 މެންބަރުންގެ ވޯޓާ އެކު ރައީސް އަޒުލުކުރެވޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ މައްސަލައިގައި އިއްޔެ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ސޮއިކޮށްފައިވަނީ 23 މެންބަރުންނެވެ.
މިއަދު މަޖިލީހުން ރުހުން ނުދިނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށެވެ. ނަމަވެސް މިރޭ ރައީސް ވަނީ އެ ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަންކުރައްވައިފައެވެ.