30 May 2012, 13:32
ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޝިހާބްގެ ދަރިކަނބަލުން މަރިޔަމް މަނާލް ޝިހާބްގެ ނަންފުޅު އެމަނިކުފާނާ މަޝްވަރާ ކުރުމެއް ނެތި އާއްމުކޮށްފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މަނާލްގެ ނަންފުޅު އާއްމުވި ޚަބަރާ ގުޅިގެން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް ބުނެ އެމްޑީޕީން މިއަދު ބަޔާނެއް ނެރެފައި މިވަނީ އެކަމާ ގުޅިގެން އިއްޔެ އެމްޑީޕީގެ ސްޕޯކްސްޕާސަން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއެއްގައި ރައީސް ނަޝީދުގެ ފަރާތްފުޅުން އިންކުއަރީ ކޮމިޝަނަށް ނަމެއް ހުށަހަޅުއްވާފައިނުވާ ކަމަށާއި އާއްމުވެފައި ވަނީ ހަގީގަތާ ހިލާފް ވާހަކަތަކެއް ވިދާޅުވެފައި ވަނިކޮށެވެ.
އެމްޑީޕީގެ ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދާ އެކު ކޮމަންވެލްތާއި ސަރުކާރުން ވެފައިވާ އެއްބަސްވުމާ ހިލާފަށް، އެމަނިކުފާނުގެ ފަރާތްޕުޅުން އިންކުއަރީ ކޮމިޝަނަށް ހުށަހެޅުއްވި ވަކި ނަންފުޅެއް އެމަނިކުފާނާ މަޝްވަރާ ކުރުމެއް ނެތި ސަރުކާރުން މީޑިއާތަކުގައި އާއްމުކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، އެކަމާ މެދު ހިތްހަމަޖެހިވަޑައިނުގެންނަވާކަން ރައީސް ނަޝީދު ކޮމަންވެލްތާ ހިއްސާކުރައްވާފައިވާ ކަމަށެވެ.
އިންކުއަރީ ކޮމިޝަނަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ނަންފުޅެއް ހުށަހެޅުއްވުމުން އެ ނަންފުޅެއް ސަރުކާރަށް ގަބޫލްކުރެވޭ ނަމަ އެނަމެއް މީޑިއާގައި އާއްމު ކުރުމުގެ ކުރިން ރައީސް ނަޝީދާ އެކު މަޝްވަރާކުރެއްވުމަށާއި އެބޭފުޅަކާ މަޝްވަރާކުރެއްވުގެ ފުރުސަތު ރައީސް ނަޝީދަށް ދެއްވުމަށް ސަރުކާރާއި ކޮމަންވެލްތުން ރައީސް ނަޝީދާ އެކު އެއްބަސްވެފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން އިންކުއަރީ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ މަނާލްގެ ނަންފުޅު ސަރުކާރުން ގަބޫލްކޮށްފައިވާކަން އާއްމުވެފައި ވަނީ އެމަނިކުފާނު ނިއުޒިލޭންޑަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އުޅުއްވަމުން ގެންދަވަނިކޮށެވެ. އަދި އެ ނަންފުޅު އެމަނިކުފާނުގެ ފަރާތްޕުޅުން އަނބުރާ ގެންދެވީ ވެސް އެ ނަންފުޅު ސަރުކާރާއި ކޮމަންވެލްތުން ވެސް ގަބޫލުކޮށްފައިވާކަން މީޑިއާގައި އާއްމުވެފައި ވަނިކޮށެވެ.
މަނާލްގެ ނަންފުޅުގެ ކުރިން ރައީސް ނަޝީދު ވަނީ އިންކުއަރީ ކޮމިޝަނުގައި ހިމެނުއްވުމަށް 10 ނަމެއް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ބޭފުޅުންނަކީ އެފަދަ ކޮމިޝަނެއްގައި ތިއްބެވުމުގެ ޝަރުތުހަމަނުވާ ކަމަށް ބުނެ ސަރުކާރުން ވަނީ އެ ނަންފުޅުތައް ބަލައިނުގެންފަ އެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން އިންކުއަރީ ކޮމިޝަނަށް ނަންފުޅެއް ހުށަހެޅުއްވުމަށް ސަރުކާރުން ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ އެވެ.