ދޯޏެއްގައި ކަފުޖަހައިގެން ލ. މާބައިދޫން ގއ. ވިލިނގިއްޔަށް ދަތުރު ކުރަމުން ދިޔަ 60 ފޫޓު ދިގު 30 ފޫޓް ފުޅާ ބަނޑެއް (ބާޖެއް) ގެއްލިގެން ހޯދަންފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބުދުﷲ އަލީ މިއަދު ވިދާޅުވީ "ސީނުކުރި" ކިޔާ ދޯންޏެއްގެ ކަފުޖަހައިގެން ދަތުރުކުރަނިކޮށް ބަނޑު ގެއްްލުން ކަމަށް ބެލެވެނީ ލ. ގާދޫގެ އިރު ދެކުނުން ގާތްގަނޑަކަށް 27 މޭލު ބޭރުން ކަމަށާއި އޭރު އެ ބަނޑުގައި މީހަކު އަދި މުދަލެއް ވެސް ނެތްކަމަށެވެ.

"ރޭގައި 4:30 އެހާކަންހާއިރު އައި ބާރުގަދަ ކޮޅިގަނޑައްގައި ޖެހިގެން ބާޖުގެއްލުނީ ކަމަށް މައުލޫމާތު ލިބެނީ. އަދި ކޮޅިގަނޑު ސާފުވުމުން ކަފުޖަހައިގެން ގެންދިޔަ ދޯނި މީހުންބެލި އިރު [ބާޖު] ފެންނަން ނެތް ކަމަށް ވަނީ،" އަބުދުއްﷲ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އާއި ކޯސްޓްގާޑުންނާއި އެހިސާބުތަކުގައި މަހަށްނިކުމެ އުޅޭ ދޯނިފަހަރާއި އެ ހިސާބުގެ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އެ ބަނޑު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެ ބަނޑު ފެނިފައިނުވާ ކަމަށެވެ.