29 Jan 2024, 22:15
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް ލ. އަތޮޅު ހިމެނޭހެން ތިން އަތޮޅެއްގަައި ރިހެބިލިޓޭޝަން ފަރުވާދޭ ސެންޓަރު ގާއިމުކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން މިއަދު ނިންމައިފިއެވެ.
އެ އިދާރާއިން ބުނީ، މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް ގާއިމުކުރުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ އަމިއްލަ ފަރާތްތަކާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެންޑީއޭއިން ބުނީ، ޑުރަގު ބޭނުންކުރާ ފަރާތްތައް ރީހެބިލިޓޭޓް ކުރުމަށް އެ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފައިވާ ކަމަށެވެ.
މި ޕްރޮގްރާމް ހިންގުމަށް މިދިޔަ ބުދަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އެންޑީއޭއިން ވަނީ ލ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް އެރަށްތަކުގެ ޑުރަގުގެ ހާލަތު ދެނެގަނެފައެވެ.
މިދަތުރުތަކުގައި އެއަތޮޅުގެ ފޮނަދޫ، ގަން، މާވަށް، އިސްދޫ، ކަލައިދޫ، މާވަށް، ހިތަދޫ، މުންޑޫ، ކުނަހަންދޫ، ގާދޫ އަދި މާބައިދޫއަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި ދިރާސާ ދަތުރުގައި އެންޑީއޭގެ ސީއީއޯ އިމާދް ސާލިޙް އަދި ހޯމްލޭންޑް ސެކިއުރިޓީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރު އިސްމާއިލް އިބްރާހީމް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ޑުރަގު ރިހެބިލިޓޭޝަން ސެންޓަރުން ފޯރުކޮށްދޭންވާނެ ޚިދުމަތްތައް
އައުޓް ޕޭޝަންޓް ޑީޓޮކްސިފިކޭޝަން ޚިދުމަތް
- ސައިކޭޓްރިކް އިވެލުއޭޝަން
- ކައުންސެލިން ޚިދުމަތް
- ސައިކޯ-ސޯޝަލް ތެރަޕީ ޚިދުމަތް
- ޑުރަގު ޓެސްޓްކުރުން
- ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުން
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑެވެ. އެ ކަމަށް ހައްލު ގެނައުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.