ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންތިޔާޒް ފަހުމީ (އިންތި) އާއި މާލޭ ސިޓީ ކައުންސިލްގެ މެންބަރު ލުފްޝާން ޝަކީބުގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ އިންތި އާއި ލުފްޝާން އިއްޔެ ހައްޔަރު ކުރަން ޖެހުނީ ފުލުހުންގެ އަމުރަން ނުކިޔަމަންތެރިކަން ދެއްކި ކަމުގެ ތުހުމަތުގައި ކަމަށާއި އެ ބޭފުޅުންނާ މެދު ވެސް ފުލުހުން އަމަލު ކުރާނީ އިއްޔެ ހައްޔަރު ކުރި އެންމެންނާ މެދު އަމަލުކުރާ ގޮތަށް ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި ހެކި ހޯދުމަށް ފުލުހުން މަސައްކަތް ނުކުރާ ކަމަށާއި އެކަން ކުރަން ޖެހޭ ނަމަ ހެކި ވެސް ހޯދާނެ ކަމަށް ހަނީފު ވިދާޅުވި އެވެ.

އިއްޔެ މެންދުރުފަހުން ފެށިގެން ފުލުހުންގެ ހައްޔަރުގައިވާ އިންތިއާއި ލުފްޝާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ވިދާޅުވީ އިންތި ހައްޔަރު ކުރުމަށް ފަހު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފުލުހުން އެކަން އަންގާފައިވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތި ހައްޔަރު ކުރުމަށް ފަހު މަޖިލީހުގެ ރައީސްއަށް އެކަން އިއްޔެ އަންގާފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ) ބުނަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަހުގީގު ކުރިއަށްގެންދެވެން ނެތް ހާލަތެއްގައި، މެންބަރަކު ބަންދު ކުރަންޖެހިއްޖެ ހިނދެއްގައި، މެންބަރަކު ބަންދު ކުރަންވާނީ މަޖިލީހުގެ ރައީސްއަށް އެންގެވުމަށް ފަހުގަ އެވެ. ނަމަވެސް މަޖިލީހުގެ ރައީސަށް ފުލުހުން އެކަން އަންގާފައި ވަނީ އިންތި ހައްޔަރު ކުރުމަށްފަހުގަ އެވެ.

ސިޔާސީ ހަރަކާތްތައް ހިންގަން އެމްޑީޕީން ބޭނުން ކުރަމުންދިޔަ އުސް ފަސްގަނޑަށް ފުލުހުން އަރައި އެތަން ފާސްކުރުމާ ގުޅިގެން އިއްޔެ އާއި ރޭ މާލެ ތެރޭގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 52 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު އެ މީހުން ކޯޓަށް ހާޒިރު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.