"ތިބާގެ ވަޒީފާއަކީ ނަމާދު އެޅުމުގެ އަސްލު ކަމަށް ވާނަމަ އެ ވަޒީފާގައި ހެވެއް ނެތެވެ. އަދި ލިބޭ މުސާރައިގާ ބަރަކާތެއް ނުވެއެވެ."

***

ހުޝަލްގެ ފޯނަށް ފޮނުވާފައި ހުރި މެސެޖްތައް ބަލާލުމުން މާޒިމް ކައިވެނި ކުރިކަން އެނގި ވަރަށް ހައިރާންވިއެވެ. އެހާ އަވަހަށް ކައިވެނި ކުރާނެ ކަމަށް ހުޝަލް އުއްމީދެއްވެސް ނުކުރެއެވެ. ހުޝަލް އެކަމާ ދެކޮޅަށް ވާހަކަ ދައްކަފާނެތީވެސް މާޒިމް ބޭނުންވީ ކައިވެނި ކޮށް ނިމުމުން ހުޝަލްއަށް އެންގުމަށެވެ. ހުޝަލް ވިސްނަން ބޭނުންވީ އެއީ މާޒިމްގެ އަމިއްލަ ޒާތީ ކަމެއްކަމުން އެކަމާ ދެން އިތުރަށް އެއްޗެއް ނުބުނުމަށެވެ. މާޒިމްގެ މިޒާޖުގައި ކުރަން ބޭނުން ކަމެއް ކޮށްފައި ނޫނީ ދޫނުކުރާގޮތެއް ހުންނަކަން ހުޝަލްއަށް އެނގެއެވެ. އެކަމާ ހެދި ދެބެއިންގެ ދެމެދުގައި މައްސަލަ ޖެހެން ވެސް ނޭދެއެވެ. މާޒިމްގެ ފޯނެއް އައީ ދެނެވެ.

" ހެއި...ޑޫ ޔޫ ތިންކް އައި ޑިޑް ސަމްތިންގ ސްޓުޕިޑް؟" މާޒިމް ފުރަތަމަ ވެސް ކޮށްލީ ސުވާލެކެވެ. ހިތް ނުތަނަވަސް ކުރުވަމުން ދިޔަ ސުވާލުތަކުން ކުރެ ސުވާލެކެވެ. އެއީ ކައިވެނި ކުރެވުމަކީ މޮޔަކަމެއް ބާއެވެ.

"ހަހަހަހަ....މާޒް. އަހަރެން ބުނި އެއްޗެއް އޭރު ބުނީ ހަމަ އައުޓް އޮފް ކޮންސާން. މާޒް އަށް މިހާރު ކައިވެނި ކުރެވިއްޖެ. އެއީ ރަނގަޅު ކަމެއް އިފް ޔޯ އިންޓެންޝަންސް އާ ރައިޓް. އެހެން ނޫނަސް އިޓްސް ޔޯ ލައިފް........." ހުޝަލް ބޭނުންވީ އެކަން ވީހާވެސް ރަނގަޅު ކަމެއްގެ ގޮތުގައި ވިސްނައިދިނުމަށެވެ. އެއީ މީކާއީލް އާއި ވާހަކަ ދެއްކުމުން އެނގުނީ ދީނީ ގޮތުން ބެލިޔަސް ކައިވެންޏަކީ ރަނގަޅު ކަމެެއް ކަމެވެ. އަދި މަދީނާ އާއި ކެނާންގެ ފަރާތުން އެނގިފައިވާ ގޮތުން ނަމަ އުރުޖުވާން އަކީވެސް ރަނގަޅު ކުއްޖެކެވެ.

"ސަބީބީގެ ސިޗުއޭޝަން ވަރަށް ކްރިޓިކަލް. ނޭނގޭ ވާނެ ގޮތެއްވެސް..." މާޒިމްގެ އަޑުގައި ވީ ރިހުމެވެ.

"ހާދަ ދެރައޭ. އުރުޖުވާން އަކީ ސަބީހާއްތަގެ އަސްލު މާމަ ދަރިތަ؟ ސަބީހާއްތަގެ ދަރިއަކާ އެއްނު ނާވީއްތަ މެރީ ކުރީ. މާޒް ހަނދާން ހުރޭތަ. އެކަމު ދަރި ވެސް ބަނޑަށް މަރުވީކަމަށް ނު އެންމެން ކީ........" ހުޝަލް ވާހަކައިގެ ތެރެއިން އުރުޖުވާން ގެ އަސްލު އެނގެން ބޭނުންވިއެވެ. އެއީ ހުޝަލް އަށް އެނގިފައިވާ ގޮތުން ނަމަ ސަބީހާގެ ހުންނަނީ އެންމެ ފިރިހެން ދަރިއެކެވެ.

" ކިހިނެއް ހުޝަލްއަށް އެނގުނީ؟" މާޒިމް ވަރަށް ހައިރާންކަމާއެކު އަހާލެވުނެވެ.

"ނާވީއްތަ މަތީން އަބަދުވެސް ހަނދާންހުރޭ. އަހަންނަށް ނުވެސް ދެވުނެއްނު މޫނު ބަލަންވެސް...." ހުޝަލް ވަރަށް މޮޅިވެރިކަމާއެކު ޖަވާބު ދިނެވެ.

"ހުޝަލް. މި އާއިލާތެރޭ ވަރަށް ގިނަ ސިއްރުތަކެއް ވާކަން އަހަރެންނަށް ގަބޫލުކުރެވޭ. ބައްޕަ ވެސް ތެދެއް ނުބުނޭ. މަންމަގެ މަރުގައިވެސް ސިއްރުތަކެއް ވެއްޖެ.އަހަންނަށް ވަރަށް ހީވޭ އުރުޖުވާން އަކީ ނާވީއްތަގެ ދަރިފުޅު ހެން..." ނުބުނަން ހުރެފައިވެސް މާޒިމް އަށް އެ ވާހަކަތައް ހިއްސާކުރެވުނެވެ.

"ތިހެން ނުބުނަން މިހުންނަނީ. މިއަދު ވެސް އެ ނާޝިދު އައި. އަހަރެންގެ ނަން މައްޗައް ރަޖިސްޓަރީ ކޮށްފަ އޮތް ގެ ހޯދަންވެގެން. މަ ބުނިން ނުދޭނަމޭ. އެވެސް ނާވީއްތަގެ ގެ އެއްނު...މަންމަ އަށް ދިނީމަ ޝީ ގޭވް ޓު މީ..." ހުޝަލްގެ އަޑުގައިވީ ރުޅިވެރިކަމެވެ.

"ވަޓް؟ ބައްޕަ ކީއްވެތަ އެހެން އެ އުޅެނީ. ވަރަށް ޔަގީން ބައްޕައަށް މިހާރު އަހަރެން ކައިވެނި ކުރިކަން އެނގިއްޖެކަން. ވަރަށް ގުޅި މިއަދު އެކަމަކު ނުނަގަން..." މާޒިމް ކިޔައިދިނެވެ.

"އެއްވެސް ގުޅުމެއް ބާއްވަން ހެޔޮ ވާވަރު މީހެއް ނޫން އެއީ. މަންމަ ވެސް މަ...." ހުޝަލް ގެ ދޫ ބަންދުވީ މާޒިމް ކައިރީ ނަބީލާ ދުނިޔޭގައި ހުރިކަން ބުނެވެން އުޅުމުންނެވެ.

"ތި ބުނީ...." ހުޝަލް ކިޔަން އުޅުނު ވާހަކަ ފުރިހަމަ ނުކުރުމުން އަހާލެވުނެވެ.

"ވެއިޓް އިނގޭ...ކުޑަކަމެއް ދިމާވެގެން...ފަހުން ގުޅާނަން.." ހުޝަލް އަވަހަށް ފޯނު ބޭއްވިއެވެ.

ހުޝަލް އެހާ އަވަހަށް ވާހަކައިގެ ތެރެއިން ފޯނު ކަނޑާލި އަސްލު ސަބަބު މާޒިމް އަށް ރޭކާނުލިއެވެ. ލޮލަށް ނިދި ބަރު ވެފައި ހުރުމުންވެސް ބޭނުންވީ އަވަހަށް ނިދާލުމަށެވެ. ކަޅު އަނދިރީގައި ނިދަން އާދެވެފައިވާ މާޒިމް އަށް މިރޭ ނިދެމުން ދިޔައީ އެ ކޮޓަރީގައި އިން ފަނޑު އޮރެންޖު ލައިޓުގެ އަލީގައެވެ. ހިތްފަސޭހަ އެ މާހައުލުގައި ވީ އަމާންކަން ދިޔައީ އެ ލޮލަށް ނާނާ ކިޔަމުންނެވެ.

***

ބޮޑު ހަވޭލި އެއްފަދަ ގެއެއްގެ ބޭރުގައި ކާރު ޕާކު ކުރުމަށް ފަހު ނާޝިދު ފުން ނޭވާއެއް ދޫކޮށްލީ މީހާ ވަރުބަލިވެފައި ހުރުމުންނެވެ. ކާރު ތެރޭ އޮތް އެންޓި އެންޒައިޓީ ޕިލް އެއް ދިރުވާލީ ވެސް ފެންފޮދަކާ ނުލައިއެވެ. ކާރު ތެރެއިން ނިކުމެލީ މޫނަށް ހިނިތުންވުމެއް ވެރިކުރުވާން މަސައްކަތް ކުރުވަމުން ޖައިލަމް އާއި ކުރިމަތިލާން އަމިއްލަ ނަފްސު ތައްޔާރުކުރުވަމުންނެވެ.

ބޭރުގައި މަޑުކޮށްލައިގެން ހުރި ޖައިލަމް ދެކޮޅަށް ކުރުކާލި ކަނޑަން ހުރީ ނާޝިދުގެ އިންތިޒާރުގައެވެ. ޖައިލަމްގެ މޫނުމަތީގައި ވީ ނުތަނަވަސްކަން ފެނުމުން ނާޝިދުގެ ހިތް ބިރުގަންނަވާލައިފިއެވެ.

"ޖައި..." ނާޝިދު ގޮވާލިއެވެ.

"ހިނގާ އެތެރެއަށް......." ޖައިލަމް ގެ އަޑުގައިވީ އަމުރުވެރި ގޮތެކެވެ. އިތުރު ވާހަކަދެއްކުމެއްނެތި އެ ހަވޭލި ތެރޭގައި ހުރި ލައިބްރަރީ އަށް ވަދެވުނެވެ. އެ ތަނަވަސް ލިޔުންތެރިކަމުގެ ޚަޒާނާތައް އަތުރައިފައި ހުރި ބޮޑު ހަރުތަކުގެ މެދުގައި ޑިސްޕްލޭއި އަށް ބަހައްޓާފައިވާ އެކި ވައްތަރުގެ ރާ ފުޅިތައް ނާޝިދު އަށް މާޒީގެ ހިތި ހަނދާންތައް އާ ކޮށްލަދިނެވެ.

"އިށީނދޭ...." ޖައިލަމް އިޝާރާތުން އެތާ ހުރި ބޮޑު ސޯފާ ގޮނޑިއެއް ނާޝިދުއަށް ދައްކާލުމަށް ފަހު ބެލްއެއް ޖަހައިލިއެވެ. އެ ބެލްއަކީ އެ ދޮރު ކައިރީ މަޑުކޮށްލައިގެން ހުރި އެގޭގެ މެއިޑް އެތެރެއަށް ވަނުމަށް އަންގާ އެންގުމެކެވެ.

"ވަން ސިންގަލް މަލްޓް ސްކޮޗް، ނީޓް...ފޯރ ހިމް... އެންޑް ވިސްކީ ޑަބަލް، ނީޓް....ފޯރ މީ" ޖައިލަމް އަމުރުކުރީ ވަދެގެން އައި ފުރާވަރު އަންހެން ކުއްޖާއަށް އެ ބޭނުންވާ ރާ ތަށިތައް ކޮފީ މޭޒަށް އެރުވުމަށެވެ. މަސްތުގެ މަޖަލުގައި ދެމީހުން އެކީ ވޭތު ކުރެވުނު ދުވަސްތައް ގިނަ ކަމުން ޖައިލަމް އަށް ނާޝިދު އާންމުކޮށް ބޮއެ އުޅޭ ރަލުގެ ވައްތަރު ވަނީ ވަރަށް ރަނގަޅަށް ދަސްވެފައެވެ. ނަމަވެސް ޖައިލަމް އަށް ނޭނގޭ ހަގީގަތަކީ ނާޝިދު ރަލާއި މަސްތުގެ ދުނިޔެ އެއީ މާޒީ އެއް ކަމަށް ބަލައި ރަނގަޅު ވާން މަސައްކަތް ކުރާކަމެވެ.

"ނޯ...ޖަސްޓް ވޯޓަރ ފޯ މީ....ކާންޓް ޑްރިންކް...ކާރުގަ ދުއްވަން ޖެހޭތީވެ..........." ނާޝިދު ހަމަ އެކަނި ފެން ގެނެސްދިނުމަށް އެދުނެވެ.

"ކިހިނެއްވީ....މީގެ އަށާރަ އަހަރު ކުރިން ކުރެވުނު ފާފަ އަކަށް ތައުބާ ވަނީތަ؟"ލާނެތް ހިނިގަނޑަކާއެކު ޖައިލަމް ނާޝިދު އަށް ބުނެލީ އޭނާގެ ރާ ތަށީން ކޯވަރެއް ބޯލުމަށް ފަހުއެވެ.

"ތިބުނީ؟" ނޭނގި ހުރެވިފައި ނާޝިދު އަށް އަހާލެވުނެވެ.

"މި ބުނީ. މީގެ އަށާރަ އަހަރު ކުރީން. މާޒްވިލާގެ ކޮޓަރިއެއް ތެރޭ ހިނގި ކަމެއްގެ ވާހަކަ......" ޖައިލަމް ގެ ކަޅި ނާޝިދުއަށް ހުއްޓިލައިގެން ހުރެ ބުނެލީ ވަރަށް ޖެއްސުމުގެ ފާޑަކަށެވެ.

ނާޝިދުގެ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަ ހެން ހީވިއެވެ. މާޒްވިލާގެ ކޮޓަރިއެއްތެރޭ މީގެ އަށާރަ އަހަރު ކުރީން ހިނގި ކަންތައްތަކަކީ އޭނާގެ ހަނދާނުން ދުވަހަކު ފިލާ ނުދާނެ ހިތި ހަނދާނެކެވެ. އަދި ޖައިލަމް އަށް އެ ވާހަކަ އެގޮތައް ދައްކަން އެނގުމުން އިތުރަށް ހިތް ބިރުގެނުވިއެވެ.

"ޗިލް...އަހަރެން ގެ އަނގައިގަ ތަޅު އަޅުވައިފިން. އެކަމަކު...އެ ތަޅުދަނޑި އެހެން މީހެއްގެ އަތައް ނާރާ ވާން އޮތީ ހަމަ އެންމެ ކަމެއް ކުރުމުން. ފަރަހް އާއި މާޒިމް ގެ ކައިވެނިން. އަންޓިލް ދެން ޔޯ ސީކްރެޓް އިޒް އެޓް ރިސްކް............" ޖައިލަމްގެ އަޑުގައިވީ ސިއްރުވެރި އަމުރުވެރި ގޮތެކެވެ.

***

ވީރާނެވެފައިވާ ފާރުތަކުގެ ތެރޭގައި ޝައިތާނާ އަށް ސަޖިދަ ޖަހައިގެން އޮތް އާދަމްގެ ގައިގާ ހީވީ އަލިފާން ރޯ ވީހެންނެވެ. މާޒްވިލާގައި ޖަހަމުން ދިޔަ ޤުރުޢާންގެ އަސަރު އޭނާ އަށް ކުރުވަމުން ދިޔައެވެ. އަދި ވޭނީ އަޑެއްގައި ރޮމުން ބިމުގައި ދެމެމުން ދިޔައެވެ. ޖިންނި އޭނާ އަށް އަނިޔާ ދެމުން ދިޔައީ މާޒްވިލާގައި ޖަހާފައި ހުރި ޤުރުޢާނުން އެމީހުންނަށްވެސް ވަމުން ދާ އުނދަގޫ ތަކުންނެވެ.

ކެނާންގެ ހިތް ބުނަމުން ދިޔައީ މާޒްވިލާގައި އަސްލުވެސް ނުބައި ކަމެއް އުޅޭ ކަމެވެ. ކެނާން ކުޑަ އިރު އޭނާގެ މާމަ ކިޔައިދޭ ބައެއް ވާހަކަތައް ހަނދާނަށް ގެނެވުމުން އިތުރަށް ބިރުގަންނަވާލައިފިއެވެ. އޭނަ އޮށޯވެލައިގެން އޮތް ސޯފާގައި ހިރިލާން ވެސް ނުކެރިފައި އޮތީ އިވެމުން ދިޔަ އަޑުތަކުގެ ބިރުވެރި ކަމުންނެވެ. އަލިވިލޭނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައި އޮތް ކެނާން ދިޔައީ ލޯ މަރައިލައިގެން އޮވެ ޤުރުއާން އަޑުއެހުމަށް އަމިއްލަ ނަފްސު ބާރު އަޅުވަމުންނެވެ. އިވެމުން ދިޔަ ބައެއް އަޑުތަކުން ހީވީ ސީލިން މަތީ ބޮޑު ހަރުފައެއް ދުވެ އުޅޭހެންނެވެ. ބޯ ވިއްސާރައިގެ އަޑާ އެކު މެދު ކެނޑުމެއް ނެތި އިވެމުން ދިޔައީ ބުޅަލުގެ ރުއިމުގެ އަޑެވެ. އެންމެ ފަހުން ފައިގާ އެއްޗެއް ކޮށްޓާލިހެންވެސް ހީވިއެވެ. ދެ ތިން ފަހަރު ކޮށްޓާލުމުން ވެސް ސަމާލުކަން ނުދިނެވެ. ނަމަވެސް ކަންފަތް ކައިރީ ވައި އަޑަކުން ނަމުން ގޮވައިލުމުން ފުންމައިގެން ތެދުވުނެވެ. ލޯ ހުޅުވާލިއިރު ކޮޓަރިވަނީ އަނިދިރިކަމުގެ ތެރެއަށް ގެނބިފައެވެ. މުޅި ގެއިން ވަނީ ކަރަންޓު ގޮސްފައެވެ.

"މަދީނާ؟" ކެނާން ފޯނުން އަލި ކުރުމަށް މަސައްކަތް ކުރަމުން ގޮވާލެވުނެވެ. ކެނާންއަށް ފުރަގަސް ދީގެން ހުރި މަދީނާގެ އިސްތަށިގަނޑު އޮތީ ހާވާލާފައެވެ. ފޯނުގެ އަލި އެޅުމުން ފެންނަނީ ވަކިން ބިރުވެރި ގޮތަކަށެވެ. އަދި ފާރުތަކަށް އެޅެމުން ދިޔަ ދިގު ހިޔަނިތައް އެ ބިރުވެރި އިހުސާސް އިތުރުކޮށްދިނެވެ. މަދީނާ އެނބުރުނެވެ. އޭނަ ހުރީ ގެންގުޅޭ ޓެޑީ ބެއަރ ބައްދާލައިގެންނެވެ.

"ހާއި ކުޑަބެ....." ލޯމަރާލައިގެން، ދަތްތައް ފެންނަ ވަރަށް ހީލައިގެން ހުރެ މަދީނާ ކެނާންއަށް ގޮވައިލިއެވެ. ހިތް ބިރުގެންފައިވާ ކެނާން އަށް އަވަހަށް އާޔަތުލް ކުރުސި ކިޔައިލެވުނެވެ.

***

ފިޔަވަޅު ކުރިޔަށް އަޅަން ނޭނގިފައި އުރުޖުވާންއަށް ހުރެވުނީ ހަރަކާތެއްނެތި ހުއްޓުން އަރާފައެވެ. އެ ލޮލުގައި އެއްވެސް ދިރުމެއް ނެތްފަދައެވެ. އެ ގަނޑުފެން ކޮޅެއްފަދަ ފިނި އަތުގައި ހިފައި ބާރުކޮށްލީ މާޒިމްއެވެ. އެއް ފިޔަވަޅު ނަމަވެސް ކުރިއަށް އަޅަން އެހީތެރިވުމުގެ ގޮތުންނެވެ.

ނުނިމޭ