30 May 2012, 12:46
އިއްޔެ އާއި ރޭ މާލޭގައި ހިންގި ހަމަނުޖެހުން ތަކުގައި ފުލުހުންނަށާއި ފުލުހުންގެ ބައެއް ވެހިކަލްތަކާއި އިމާރާތްތަކަށް ގެއްލުންތައް ދީފި އެވެ.
ފުލުހުން ބުނީ ހަމަނުޖެހުންތަކުގައި ބައެއް ފުލުހުންނަށް ޖިސްމާނީ ގޮތުން އަނިޔާކޮށްފައިވާ ކަމަށާއި އެކިއެކި ޒަހަމްތައް ލިބުނު ފުލުހުންނަށް މިހާރު ފަރުވާ ދީފައިވާ ކަމަށެވެ. އަދި ބުނީ ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހުންނަށް އަމާޒުކޮށް ހަމަލަތައް ދިން އިރު ގަސްދުގައި އަންހެން ފުލުހުންނާ ކުރިމަތިލައި ޖިންސީ ގޯނާތައް ވެސް ކޮށްފައިވާ ކަމަށެވެ. ޖިންސީ ގޮތުން ކުރި އެއްވެސް ގޯނާއެއްގެ ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުސް އިދާރާގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ އެމްޑީޕީގެ ސިޔާސީ ހަރަކާތުގެ ކޭމްޕް، އުސް ފަސްގަނޑަށް ފުލުހުން އެރުމާ ގުޅިގެން އިއްޔެ ހެދުނުން ފެށިގެން މާލޭގައި ހިންގަން ފެށި ހަމަނުޖެހުންތަކުގައި އިއްޔެ ހަވީރު ޓްރެކް ސަރަހައްދަށް ޖަމާވި މީހުންގެ ތެރެއިން އެއްލި ގަލަކުން ޖެހި އަންހެން ފުލުހަކު ޒަހަމަވި އިރު ރޭ 10:25 އެހާކަންހާއިރު ފޯރިއަށް ނުކުތް އަންހެން ފުލުހަކަށް މަޖީދީމަގާ ޗާންދަނީމަގު ގުޅުނު ހިސާބުން ދިމާކޮށް ހަމަލަދީފައިވާ ކަމަށެވެ.
ރޭ 12:00 ހާއިރު ނަލަހިޔާ ކައިރިން ސައިކަލުގައިދިޔަ ފުލުހެއްގެ ބޮލުގައި ގަލަކުން ޖަހައި ބޯ ފަޅައިލި އިރު ރަށްދެބައި މަގުން ސައިކަލުގައި ދިޔަ ފުލުހަކަށް ގަލުން ހަމަލާދީ ޒަހަމްކޮށްލި ކަމަށް ފުލުހުން ބުނެ އެވެ. މީގެ އިތުރުން އަންހެން ފުލުހަކު ރޭ ޑިއުޓީ ނިންމާފައި ދަނިކޮށް ޗާންދަނީ މަގުން އޭނާ ވަށައިލައި ގަޔަށް އަތްލައި މާރާމާރީ ހިންގާފައިވާ ކަމަށާއި އެ ހަމަލާތަކުގައި ފުލުސް އަންހެންމީހާގެ ލޯމަތި ދުޅަވެ، އެކިވަރުގެ ޒަހަމްތައް ވަނީ ލިބުނު ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ރޭގެ ހަމަނުޖެހުންތަކުގައި އެސިސްޓަންޓް ޕޮލިސް ކޮމިޝަނާ (އޭސީޕީ) އެއްގެ ކާރުކޮޅަށް ވެސް ބަޔަކު ގެއްލުން ދިނެވެ. އެއީ ކޮން އޭސީޕީއެއް ކަމަށް ފުލުހުންނެއް ނުބުނެ އެވެ. ނަމަވެސް ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުން ދީފައި ވަނީ އޭސީޕީ އަހުމަދު ސައުދީގެ ކާރުކޮޅަށެވެ. ގެއްލުން ދިނީ އޭސީޕީގެ ޑްރަވައިރު ކާރުގައި އިންދަ އެވެ.
ތަކެއްޗަށް ގެއްލުން ދިން އިރު މަޖީދީމަގުން ދުއްވި ފުލުސް ވެހިކަލަކަށާއި ޗާންދަނީމަގުން ދުއްވި ފުލުހުންގެ ވެހިކަލަކަށް ރޭ ގެއްލުންދީފަ އެވެ. އަދި ރޭ 12:35 ހާއިރު މާފަންނު ވިލީ ފުލުސް ކައިރީ އޮތް ފުލުސް ވެހިކަލްތަކަށް ޕެޓްރޯލް ޖަހައި ރޯކޮށްލަން މަސައްކަތްކޮށް ހަމަ އެ ގަޑީގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ހުންނަ އިމާރާތުގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިލި އެވެ.
އިއްޔެ އާއި ރޭ މާލޭގެ އެކި ސަރަހައްދަށް މީހުން އެއްވެ މުޒާހަރާ ކުރުމުގެ އިތުރުން ބައެއް ފުލުހުންނަށް ހަމަލާ ދީ ތަކެއްޗަށް ގެއްލުންތައް ދިނީ އެމްޑީޕީގެ ސިޔާސީ ހަރަކާތުގެ ކޭމްޕް، އުސްފަސްގަނޑަށް އިއްޔެ ހެނދުނު ފުލުހުން އަރައި އެތަން ފާސްކޮށް އެތަނުގެ ބައެއް ފެސިލިޓީޒްތައް ރޫޅާލައި އަދި ބިން ފުލުހުންގެ ބާރުގެ ދަށުގައި ބޭއްވުމުންނެވެ.
ފަހަކަށް އައިސް އެކިއެކި ހަމަނުޖެހުންތަކާއި މުޒާހަރާތަކުގައި ފުލުހުންނަށާއި ފުލުހުންގެ ވެހިކަލްތަކަށް އަމާޒުކޮށް ދޭ ހަމަލަތަކާއި ގެއްލުން ވަނީ އިތުރުވެފަ އެވެ.