29 Jan 2024, 00:43
ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ރޫހު ކުރިން އޮތީ ގިނަ ވަޒީރުންނަށް ރުހުން ދިނުމަށް ކަމަށާއި ނަމަވެސް މިއަދު ކަންތައްތައް ހިނގައި ދިޔަ ގޮތުން އެ ރޫހު ބަދަލުވެފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާއަށް ވެރިކަން ކުރާ ކޯލިޝަންގެ މެންބަރުން ހުރަސް އަޅަމުން ދިޔުމުން، ވޯޓަށް ނާހައި ޖަލްސާ ނިންމާލަން ޖެހުމާ ގުޅިގެން އެމްޑީޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ ޖަލްސާއަށް ހުރަސްއެޅީ ސީދާ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ތުހުމަތުކޮށްފައެވެ.
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ، މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް މިރޭ ވިދާޅުވީ މިއަދަކީ ދުސްތޫރީ ނިޒާމުގައި ވަރަށް ކަޅު ދުވަހެއް ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ މަސައްކަތަށް ހުރަސްއެޅި މަންޒަރު ކަމަށައީ މަޖިލީހަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. ނަމަވެސް މިއަދު ފެނުނީ ބާރާއި ނުފޫޒު އޮތް ފަރާތްތަކުން އެ ބާރާއި ނުފޫޒު ބޭނުންކޮށްގެން މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅި މަންޒަރު ކަމަށް ސަލީމް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބުނެފައި އޮންނާނެ ވަޒިރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހަށް ބެލިދާނެ ކަމަށް އެކަމަށް އޭނާ އެކަށީގެންވޭތޯ ނުވަތަ ނޫންތޯ،" ސަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވަޒީރުންނަށް ރުހުން ދޭން ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ފާސްކުރި ނަމަވެސް އެ ކޮމިޓީން ބަލާފައިވަނީ ވަޒީރުންގެ، ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވޭތޯ އެކަނި ކަމަށެވެ. ނަމަވެސް ކޮމިޓީން ނިންމާ ނިންމުންތަކަކީ ފަހު ނިންމުން ނޫން ކަމަށާއި، ފަހު ނިންމުން އަންނާނީ މަޖިލީހުގެ ތަޅުމުން ކަމަށް ސަލީމް ވިދާޅުވިއެވެ.
އެހެންވެ، މި ސަރުކާރުގެ ކެބިނެޓަށް ރުހުން އޮތްކަން ނުވަތަ ނޫންކަން އެނގޭނީ މިއަދު މަޖިލީހުގެ މަސައްކަތްތައް ނިމުނު ނަމަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިން އެމްޑީޕީގައި ރޫހު އޮތީ ވީހާ ވެސް ގިނަ މެންބަރުންނަށް ރުހުން ދޭގޮތަށް ކަމަށާއި ނަމަވެސް މިހިނގައިދިޔަ ކަންތައްތަކާ ގުޅިގެން މެންބަަރުންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މެންބަރުން ހަމަ އަޅުގަނޑު ގާތުގައި ވަރަށް ސާފުކޮށް ވިދާޅުވީ މިހާރު އެތަނުން އެއްވެސް މެންބަރަކަށް ވޯޓު ދޭކަށް ބޭނުމެއް ނުވެޔޭ،" ސަލީމް ވިދާޅުވިއެވެ.
އެމްޑީޕީން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން، ވެރިކަން ކޯލިޝަންގެ މެންބަރުން ވަނީ މިއަދު ޖަލްސާއަށް ހުރަސްއަޅައިފައެވެ. އޭގެ ސަބަބުން އެ މެންބަރުންނާއި އެމްޑީޕީ މެންބަރުންނާ ދެމެދު މާރާމާރީ ހިނގައި، ބައެއް މެންބަރުންނަށް އަނިޔާވިއެވެ.
މިރޭ ވެސް ޖަލްސާ ބާއްވަން ދެފަހަރަކު މަސައްކަތް ކުރި ނަމަވެސް، ޕީޕީއެމް ޕީއެންސީ މެންބަރުން އަޑުގަދަކޮށް، ބައެއް ތަކެއްޗަށް ގެއްލުން ދިނުމުން މަޖިލިސް ވަނީ ނިންމާލާފައެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް، މާދަމާ 11:00އަށް އިތުރު ޖަލްސާއެއް ބޭއްވުމަށް މިރޭ ވަނީ ތާވަލުކޮށްފައެވެ.