29 Jan 2024, 09:00
ޕާކިސްތާނުގެ ކުރީ ބޮޑު ވަޒީރު ޢިމްރާން ޚާނަށް ތާއީދުކުރާމީހުން ބޭއްވި އެއްވުމެއް ކަރުނަ ގޭސް ބޭނުންކޮށްގެން ރޫޅައިލައިފިއެވެ.
ކަރާޗީގައި ބޭއްވި އެ އެއްވުން ބާއްވައިފައި ވަނީ ޕާކިސްތާނުގެ އިންތިޚާބު ބާއްވަން ގާތްގަޑަކަށް ދެ ހަފުތާއަށްވެފައި ވަނިކޮށެވެ. ކޮރަޕްޝަންގެ ތުހުމަތުގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ޢިމްރާން ޚާނަށް އެ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަސް އެ ގައުމުގެ އިންތިހާބާހޭ އިދާރާއިން ވަނީ ކަނޑައަޅައިފައެވެ.
މުޒާހަރާކުރި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އިމްރާންގެ ސިޔާސީ ޕާޓީ، ތަހްރީކް އިންސާފް (ޕީޓީއައި) މީހުން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ޕާކިސްތާނުގެ ފުލުހުން ބުނާ ގޮތުން ކަރުނަ ގޭސް ބޭނުންކޮށްގެން އެއްވުން ރޫޅާލަން ޖެހުނީ ހުއްދަ ނުނަގައި ބޭއްވި އެއްވުމަކަށް ވުމުންނެވެ.
2023 ވަނަ އަހަރުގެ މެއި މަހު އިމްރާން ހައްޔަރުކުރިފަހުން، އޭނާއަށް ތާއީދކުރާ މީހުން އަންނަނީ އެތައް މުޒާހާރާއެއް ކުރަމުންނެވެ. އެ މީހުންނާ ދެކޮޅަށް ޕާކިސްތާނު ފުލުހުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.
އަންނަ ފެބުރުއަރީ މަހު ބޭއްވުމަށް ހަމަޖެޖިފައިވާ އިންތިޚާބުގައި މި ވަގުތު ޕާކިސްތާނުގެ އެންމެ މަޝްހޫރު ސިޔާސީ ލީޑަރުގެ ގޮތުގައި ބެލެވޭ އިމްރާނަށް ވަދަނުކުރެއްވޭނެ ކަމަށް ނިންމި ނިންމުމަކީ ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާއިން ފަހަތުގައި އޮވެގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.
ނަމަވެސް، އަސްކަރިއްޔާއިން މި ތުހުމަތުތައް ދޮގު ކުރެއެވެ. ޕާކިސްތާނުގެ ހައިކޯޓުން ވެސް ވަނީ، އިންތިޚާބުތަކުގައި ވާދަ ކުރުން މަނާ ކުރުމަށް އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ދަމަހައްޓައިފައެވެ.
2022 ވަނަ އަހަރު އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ވެރިކަމުން ދުރުކޮށްފައިވާ 71 އަހަރުގެ ކުރީގެ ކްރިކެޓް ތަރި މިހާރު ގެންދަވަނީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ކޮރަޕްޝަނާ ގުޅޭ ގިނަ ދައުވާތަކަކާ ކޯޓުގައި ކުރިމަތިލައްވަމުންނެވެ.
ކޮރަޕްޝަންގެ ކުށް ސާބިތުވެ އިމްރާނަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ، 2018 އިން 2022ވަނަ އަހަރާ ދެމެދު ވެރިކަމުގައި ހުންނެވި އިރު ލިބިވަޑައިގަތް ހަދިޔާތަކަކުން ގަވައިދާ ހިލާފަށް ވިޔަފާރި ކުރެއްވުމުގެ ކުށް ސާބިތުވެގެންނެވެ.