29 Jan 2024, 08:56
ބްރިޓިޝް ފިލްމު އިންސްޓިޓިއުޓް (ބީއެފްއައި)ގެ އެހީތެރިކަމާ އެކު އުފައްދާ ފުރަތަމަ އިންޑިއާ ފިލްމުގެ ބަތަލާއަކަށް ޝްރޫތީ ހާސަން ސޮއިކޮށްފިއެވެ.
މި ފިލްމަކީ "ޗެންނާއީ ސްޓޯރީ"ގެ ނަމުގައި އުފައްދާ ވަރަށް ހިތްގައިމު ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ.
އިނގިރޭސިވިލާތުގެ ގްލޯބަލް ސްކްރީން ފަންޑުގެ އެހީތެރިކަމާ އެކު އުފައްދާ މި ފިލްމުގައި ޝްރޫތީއާއެކު ލީޑް ރޯލްއިން ފެންނާނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އެކްޓަރު ވިވެކް ކަލްރާއެވެ.
މިހާރު ޕްރީޕްރޮޑަކްޝަންގެ މަރުހަލާގައި އޮތް ފިލްމު "ޗެންނާއި ސްޓޯރީ"ގެ މައިގަނޑު ބޮޑު ބައެއް ޝޫޓް ކުރަން ނިންމާފައި ވަނީވެސް އިންޑިއާގެ ޗެންނާއީގައެވެ.
އިނގިރޭސި އެކްޓަރު ވިވެކް ކަލްރާއާއެކު ޝްރޫތީ ފިލްމުގައި ކުޅެން ހަމަޖެހިފައި ވަނީ ޕްރައިވެޓް ޑިޓެކްޓިވްއެއްގެ ރޯލެވެ. ވިވެކް މީގެކުރިން ކުޅެފައިވާ ފިލްމުތަކުގެ ތެރޭ ނެޓްފްލިކްސްގެ ސީރީސް "ބީޗަމް ހައުސް" އަދި ކެވިން ހާޓްގެ ފިލްމު "ލިފްޓް" ހިމެނެއެވެ.

ފިލްމީ ތަރި ޝްރޫތީ "ސަލާރު"ގެ ޑައިރެކްޓަރު ޕްރަޝާންތާ އެކު-- ފޮޓޯ/ އިންޓަނެޓް
މި ފިލްމުން ލިބުނު ފުރުސަތާ އެކު ޝްރޫތީ ބުނެފައި ވަނީ ބައިނަލްއަޤްވާމީ ފަރާތްތަކެއްގެ އެހީއާ އެކު އިންޑިއާގެ ސަގާފަތް ދައްކުވައިދޭ ފިލްމަކުން ފުރުސަތު ލިބުމަކީ ނުހަނު އުފާވި ކަމެއް ކަމަށެވެ.
އެންމެ ބޮޑު އުފަލެއް ބަތަލާއަށް ލިބުނީ އެކްޓަރު ވިވެކް ކަރްލާއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ކަމަށާއި ޗެންނާއީގެ ދިރިއުޅުން ބައިނަލްއަޤްވާމީ ދުނިޔެއަށް ދައްކާލެވޭތީ ކަމަށް "ސަލާރު"ގެ ބަތަލާ ވަނީ ބުނެފައެވެ.
އިންޑިއާގެ ލިޔުންތެރިޔާ ތައިމެރީ އެން މުރާލީ ލިޔެ 2004ވަނަ އަހަރު ބާޒާރަށް ނެރުނު ފޮތް 'ދަ އެރެންޖްމަންޓްސް އޮފް ލަވް'އަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ، އިނގިރޭސި ވިލާތުގެ މަޝްހޫރު ވެބް ސީރީސް "ޑައުންޓަން އަބޭ"ގެ ޑައިރެކްޓަރު ފިލިޕް ޖޯންއެވެ.