28 Jan 2024, 23:49
ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މާދަމާ އިތުރު ޖަލްސާއެއް ބާއްވަން ތާވަލުކޮށްފިއެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ދައުރުން ބޭއްވި ޖަލްސާގައި ވޯޓަށް އަހަން މަސައްކަތް ކުރި ނަމަވެސް، މަޖިލީހުގައި ހަމަނުޖެހުންތައް ހިންގައި، ވޯޓަށް ވަނީ ހުރަސްއަޅައިފައެވެ.
މިއަދު ހެނދުނު 9:00އަށް ތާވަލުކުރި ޖަލްސާގައި ފުރަތަމަ މެދުކަނޑާލުމަށް ފަހު، ވޯޓަށް އަހަން ނިންމާފައި އޮތީ 13:30ގައެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީން ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމުމުން ވެރިކަން ކުރާ ކޯލިޝަންގެ މެންބަރުންނާއި އެ ޕާޓީގެ މެންބަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ.
އޭގެ ސަބަބުން ދުވާލު ގަޑީގައި ވޯޓަށް ނާހައި ޖަލްސާ މެދުކަނޑާލުމަށް ފެށީ 8:00ގައެވެ. ނަމަވެސް އެ ފަހަރު ވެސް ޕީޕީއެމް، ޕީއެންސީގެ މެންބަރުން ރިޔާސަތަށް ހުރަސް އެޅުމުން ޖަލްސާ މެދުކަނޑާލީއެވެ.
އެއަށްފަހު، 10:45ހާއިރު ޖަލްސާ ފެށިއިރު މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އިންނެވީ ވަޒީރުން ތިއްބަވާ ގޮނޑީގައެވެ. އެ ގޮނޑީގައި އިންނަވައިގެން ވޯޓަށް އަހަން އޭނާ މަސައްކަތް ކުރެއްވި ނަމަވެސް، ޕީޕިއެމް، ޕީއެންސީ މެންބަރުން ދިޔައީ ދުންމާރި ފުމެ، އަޑުގަދަ ކުރަމުންނެވެ.
މަޖިލީހުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް، ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް އަސްލަމް ތަކުރާރުކޮށް އެންގެވި ނަމަވެސް އެ މެންބަރުން އެގޮތަށް އަމަލުކުރައްވަން ދެކޮޅު ހެއްދެވިއެވެ.
އެހެންވެ، އަސްލަމް ވަނީ މަޖިލީހުގެ މަސައްކަތް ކުރިއަށް ނުގެންދެވޭތީ ޖަލްސާ ނިންމާލިކަން އިއުލާން ކުރައްވާފައެވެ. ނަމަވެސް އިތުރު ޖަލްސާއެއް ބާއްވާނެ ތާރީޚެއް އޭނާ ވިދާޅެއްނުވެއެވެ.
އެމްޑީޕީން ރުހުން ނުދޭން ނިންމާފައިވަނީ، ބަންޑާރަނައިބު އަހުމަދު އުޝާމާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.