30 May 2012, 12:38
ތޫނު އެއްޗަކުން ހަމަލާދީ ދަރުމަވަންތަ ސްކޫލްގެ ދަރިވަރަކު މަރާލި މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ކުށްވެރިކޮށްފި އެވެ.
އެ މިނިސްޓްރީގެ ޑިރެކްޓާ އަބްދުﷲ އިބްރާހިމް ސޮއިކުރައްވާ މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ދަރުމަވަންތަ ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އައި ހއ. ހޯރަފުށީ ނޫރީގޭ، މުހައްމަދު އަރުހަމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާތީ އެ ލާއިންސާނީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަރުހަމް މަރާލި މީހުންނާއި އެ ހަމަލައާ ގުޅުންހުރި ފަރާތްތަކުގެ ތަހުގީގު އަވަހަށް ހިންގައި އެކަމުގައި ހިމެނޭ ހުރިހާ މީހުންނަށް ހައްގު އަދަބު ދިނުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް އިލްތިމާސްކުރާ ކަމަށާއި ދަރިވަރުންނަކީ މުޖުތަމައުގެ އެންމެންގެ ލޯބި ލިބެންޖެހޭ ބަޔަކަށް ވީހިނދު ދަރިވަރުންނަށް އަމާޒުކޮށް ހިންގާ މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވަން މުޅި މުޖުތަމައުގެ ކިބައިން އެދޭ ކަމަށް ވެސް އެޑިއުކޭޝަނުގެ ބަޔާނުގައި ވެ އެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެ އެވެ: "... މިހާދިސާގައި މަރާލި މުހައްމަދު އަރުހަމްގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން އިތުރު ކުރައްވާށި އެވެ! އަދި މިހިތާމަވެރި ދަނޑިވަޅުގައި، އެ މަރުހޫމްގެ އާއިލާއަށް ތައުޒިއާ ދަންނަވަމެވެ!"
ދަރުމަވަންތައިގެ ދަރިވަރު، އަރުހަމަށް ހަމަލާދީ މަރާލި އިރު މި މަހުގެ 20 ވަނަ ދުވަހު ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކު ޓެސްޓު ނިންމާފައި ގެއަށް ދަނިކޮށް ގްރޫޕަކުން ދިމާކޮށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި އެވެ.
އެ ހަމަލައާ ގުޅިގެން ވެސް މައްސަލައިގައި ހިމެނޭ އެންމެނަށް ހައްގު އަދަބު ދިނުމަށް ގޮވާލައި އެޑިއުކޭޝަނުން ބަޔާނެއް ނެރުނެވެ. އަރުހަމްގެ މަރާ ގުޅިގެން މިއަދު ނެރުނު ބަޔާނަކީ މިފަދަ ކަމަކާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީންގެ ތާރީޚުގައި ނެރުނު ދެވަނަ ބަޔާނެވެ.