06 Mar 2010, 10:00
ބޫޓާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ދާޝޯ ބަޕް ކޭސަންގ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް އިއްޔެ އަރުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިއިއްޔެ މެންދުރުފަހު ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ބޫޓާން އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަރްހަބާ ވިދާޅުވި ކަމަށެވެ.
މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ބޫޓާނާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސް އާއި ބޫޓާންގެ ސަފީރު ވާހަކަފުޅު ދެއްކެވި އެވެ. އަދި ޚާއްސަ ގޮތެއްގައި، އަންނަ އޭޕްރީލް މަހު ބޫޓާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާރކް ސަމިޓްގެ ތައްޔާރީތަކާއި، އެ ސަމިޓަކީ ކާމިޔާބު ސަމިޓަކަށް ހެއްދެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުހަންމަދު ވަހީދާއި، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ހަސަން އަފީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.