29 Jan 2024, 01:31
ވަޒީރުންނަށް ރުހުން ދިނުމަށް މަޖުބޫރުވާފަދަ އަމަލުތައް ނުކުރުމަށް ދަ ޑިމޮކްރެޓްސްއިން މިރޭ ގޮވާލައިފިއެވެ.
ދަ ޑިމޮކްރެޓްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއަަޅައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގައި ޖަލްސާ ހުއްޓުވާފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ތެރެއިން ވަޒީރުންނަށް ރުހުންދިނުމާ މެދު މަޖިލީހުގެ މެމްބަރުން ނިންމާ ގޮތަކަށް އެ މެމްބަރުން ވޯޓު ދިނުމަކީ އެ މެމްބަރުންގެ ޒިންމާއެއްކަމަށް އެ ޕާޓީން ބުންޏެވެ.
އެހެންވެ، ސަރުކާރުން ބޭނުންވާގޮތް ނޫންގޮތަކަށް މެންބަރުން ވޯޓް ދޭނަމަ، ޖަލްސާއަށް ހުރަސްއެޅުމަކީ ސަރުކާރުން މަޖިލީހުގެ މެމްބަރުންގެ މަސައްކަތަށް ހުރަސް ހުރަސްއެޅުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ޑިމޮކްރެޓްސްއިން ބުނީ ސަރުކާރަށް ނިސްބަތްވާ މެންބަރުން އެކަމަށް ހުރަސްއަޅާތީ ގާނޫނު އަސާސީގައިވާ ގޮތަށް ވަޒީރުންނަށް ރުހުން ނުދެވިފައިވުމަކީ މެންބަރުންގެ ގާނޫނީ މަސްއޫލިއްޔަތެއް އުފުލުމަށް އެއްވެސް ހުއްޖަތެއްނެތި ކޮށްފައިވާ ޒިންމާދާރުކަންކުޑަ އަމަލެއް ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖްބޫރުކުރުމަށް ހިންގާ މިފަދަ އަމަލުތައް ނުހިންގުމަަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
މިއަދު ވަނީ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވައި ސަރުކާރުގެ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އެޖެންޑާކޮށްފައެވެ. އެކަމަކު، ބައެއް ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ނިންމުމާ އެކު ސަރުކާރަށް ތާއީދުކުރައްވައި މެންބަރުން ވަނީ ޖަލްސާއަށް ހުރަސްއަޅައިފައެވެ.
އެ މައްސަލައިގައި މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކުގައި ބައެއް މެންބަރުން ގަޔަށް އަތްލައި މާރާމާރީ ހިންގާފައިވެއެވެ.
މިއަދުގެ ހަމަނުޖެހުން ބޮޑުވެ އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ސަރުކާރު ކޯލިޝަނުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.