މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަނިޔާވި، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްނުލަނީސް މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މޫސާ ސިރާޖު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 22 ވަޒީރަކަށް ރުހުން ދިނުމަށް މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ހަތަރު ވަޒީރަކަށް ރުހުންނުދޭން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ނިންމުމާ އެކު ސަރުކާރަށް ތާއީދުކުރައްވައި މެންބަރުން ވަނީ ޖަލްސާއަށް ހުރަސްއަޅައި، ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔަނުދީ ހިފަހައްޓައިފައެވެ.

އެ ހަމަނުޖެހުންތަކުގައި ބައެއް މެންބަރުން ގަޔަށް އަތްލައި ހިންގި މާރާމާރީގައި، ޝަހީމްގެ ބޯވަނީ ފަޅައިިގެން ގޮސްފައެވެ. އެހެންވެ، އޭނާ ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

ސިރާޖު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ހިންގި މާރާމާރީގައި ޝަހީމަށް އަނިޔާވުމުން އޭނާ އެޑްމިޓްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލުން ދޫކޮށްނުލަނީސް މަޖިލިސް ކުރިއަށް ގެންދެވޭނެ ޖާގާއެއް ނެތް ކަމަށް ސިރާޖު ވިދާޅުވިއެވެ.

މަޖިލީހުގައި މާރާމާރީ ހިންގި މައްސަލަ ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް ޕީޕީއެމް، ޕީއެންސީން ވަނީ ބުނެފައެވެ.

މިއަދުގެ ހަމަނުޖެހުން ބޮޑުވެ އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ސަރުކާރު ކޯލިޝަނުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

އެމްޑީޕީން ރުހުންނުދޭން ނިންމި ވަޒީރުންނަކީ:

  • ބަންޑާރަނައިބު އަހުމަދު އުޝާމް

  • އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މިއަދަށް ތާވަލުކުރި ޖަލްސާ ކުރިއަށް ނުގެންދެވުމުން އެ މައްސަލައާ މެދު ގޮތް ނިންމުމަށް މިރޭ އަލުން ޖަލްސާ ފެށި ނަމަވެސް، މެންބަރުން ހުރަސް އަޅާތީ އަނެއްކާވެސް މަޖިލިސް ވަނީ މެދުކަނޑާލައިފައެވެ.