ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރުންތަކަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަމްބަރެއްގެ ސްކްރީންޝޮޓެއް ހިއްސާކުރައްވަމުން ވިދާޅުވީ، އެ ނަމްބަރުން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި އެ މެންބަރުންގެ އަނބިދަރީންގެ ފުރާނަ ދުއްވާލާނެ ކަމަށް ބުނެ އިންޒާރު ދެމުންދާ ކަމަށެވެ.

އަނަސް "ސަން"އަށް ވިދާޅުވީ އިންޒާރު ލިބިފައިވާ މެންބަރުންގެ ތެރެއިން މިވަގުތު ހާމަކުރެވެން އޮތީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ނަން އެކަނި ކަމަށެވެ. ނަމަވެސް، އިންޒާރު ލިބުނު މެންބަރުންގެ މައްސަލަ އެއް ފަހަރާ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ގިނަ އެހެން މެންބަރުންގެ ގޭދޮށަށް ވެސް، ނުކުންނަވަން އުޅުއްވި ގަޑީގައި ބައެއް ގުރޫޕުތައް، ގާތްގަނޑަކަށް 20އަކަށް 30އަކަށް ގުރޫޕުތަކުން އިންޒާރު ދީފައި، އެއްޗެހި ކިޔާފައި ގޭދޮށުގައި މަޑުކޮށްގެން ތިބި،" އަނަސް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައިނުވެއެވެ.

ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ދައުރުން ބޭރުން މަޖިލީހުގައި ބޭއްވި ޖަލްސާގައި، ވެރިކަން ކުރާ ކޯލިޝަންގެ މެންބަރުންނާއި އެމްޑީޕީ މެންބަރުންނާ ދެމެދު ތަޅާފޮޅުންތައް ހިނގާފައިވެއެވެ.

އެ ހަމަނުޖެހުންތައް ފެށުނީ، އެމްޑީޕީން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން ޕީޕީއެމް، ޕީއެންސީގެ މެންބަރުން ޖަލްސާއަށް ހުރަސް އެޅުމުންނެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން، ސަރުކާރަށް ތާއިދު ކުރާ ބަޔަކު ވަނީ މަޖިލީހުގެ ބޭރުގައި މުޒާހަރާކޮށްފައެވެ. އެ މުޒާހަރާގެ ބައިވެރިން މަޖިލިސް ތެރެއަށް ގާއުކިއިރު، ފުލުހުންނާއި ސިފައިން މަސްއޫލިއްޔަތު އަދާކޮށްފައިވޭތޯ ބެލުމަށް އެދި މަޖިލީހުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ.