28 Jan 2024, 20:32
ސަރުކާރުގެ ވަޒީރުންނަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުގައި މިއަދަށް ތާވަލުކުރި ޖަލްސާ ކުރިއަށް ނުގެންދެވުމުން އެ މައްސަލައާ މެދު ގޮތް ނިންމުމަށް މިރޭ އަލުން ޖަލްސާ ފެށި ނަމަވެސް، މެންބަރުން ހުރަސް އަޅާތީ އަނެއްކާވެސް މަޖިލިސް މެދުކަނޑާލައިފިއެވެ.
މިރޭ 8:00ގައި މަޖިލިސް ޖަލްސާ އަލުން ފަށަން ނިންމައި، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ރިޔާސަތުގައި އިންނަވައި ވާހަކަ ދައްކަވަން ފެއްޓެވި ނަމަވެސް އޭނާގެ މައިކްގެ އަޑު ކުއްލިއަކަށް ކެނޑުނެވެ. އެވަގުތު މަޖިލީހުގެ ޔޫޓިއުބް ލައިވް ފީޑް ފެށިފައި ނުވާތީ، އަޑު ކެނޑެން މެދުވެރިވި ސަބަބެއް ސާފެއް ނުވެއެވެ.
އެއަށް ފަހު، މަޖިލިސް ލައިވް ފެށުނުއިރު އަސްލަމް އަރިހަށް ވެރިކަން ކުރާ ކޯލިޝަންގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުން ވެސް އެއްވެފައިވާ މަންޒަރު ފެނެއެވެ. އޭގެ ތެރެއިން ޕީޕީއެމް، ޕީއެންސީ މެންބަރުން ގެންދެވީ ދުންމާރި ފުމެ އަޑުގަދަ ކުރަމުންނެވެ.
ޖަލްސާ ފައްޓަވަން އަސްލަމް އިރުކޮޅަކު މަޑުކުރެއްވުމަށް ފަހު، ފަހުން ވަނީ ސެކިއުރިޓީއާއެކު ނުކުމެވަޑައިގެންފައެވެ.
މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާއަށް ތާވަލުކުރީ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތެވެ. އެކަމަކު، ހަތަރު ވަޒީރަކަށް ރުހުންނުދޭން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ނިންމުމާ އެކު ސަރުކާރަށް ތާއީދުކުރައްވައި މެންބަރުން ވަނީ ޖަލްސާއަށް ހުރަސްއަޅައި، ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔަނުދީ ހިފަހައްޓައިފައެވެ.
އެ ހަމަނުޖެހުންތަކުގައި ބައެއް މެންބަރުން ގަޔަށް އަތްލައި ހިންގި މާރާމާރީގައި، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްގެ ބޯވަނީ ފަޅައިިގެން ގޮސްފައެވެ.
ވެރިކަން ކުރާ ޕީޕީއެމް، ޕީއެންސީން ވަނީ އެ މައްސަލަ ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.