30 May 2012, 12:28
އިންކުއަރީ ކޮމިޝަނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އިއްޔެ ހުށައެޅުއްވި ބޭފުޅާގެ ނަން އަނބުރާ ގެންދެވުމަކީ ކޮމިޝަނުގެ ތަހުގީގު ލަސްކުރުމުގެ ނިޔަތުގައި ނަޝީދު ކުރައްވާ ކަމެއް ކަމަށް އެމްޑީޕީގެ ރައީސް ކަމުން ދުރުކޮށްފައިވާ ޑރ. އިބްރީހިމް ދީދީ( ޑީޑީ) ވިދާޅުވެއްޖެ އެވެ.
ޑީޑީ މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފެބުރުއަރީ ހަތް ވަނަ ދުވަހު ވެރިކަން ބަދަލުވި ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފެއްދެވި ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށައެޅުއްވި މ. ބަގީޗާގޭ މަރިޔަމް މަނާލް ޝިހާބަކީ އެކަމަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ.
"އިންކުއަރީ ކޮމިޝަނަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށައެޅުއްވި ބޭފުޅަކީ ކުރައިޓީރިއާ އަށް ފެތޭ ބޭފުޅެއް. [އެ ނަންފުޅު] ސަރުކާރުން ގަބޫލްކުރީމާ އަނެއްކާ ވެސް އެބޭފުޅުން އެ ނަން އަނބުރާ ގެންދިއުމަކީ އެއްވެސް ކަހަލަ އިންވެސްޓިގޭޝަނަކަށް ޖާގަދިނުމަށް ނަޝީދު ބޭނުންފުޅުނުވާކަން. އޭގެ އިން ވަރަށް ގިނަ ސުވާލުތަކެއް އަނެއްކާ ވެސް އުފެދެނީ،" ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަތެއް ފެބުރުއަރީގައި ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަރުދާގެ ފުރަގަހުގައި ހިނގާފައިވާ ކަންކަން އެނގެން ރައްޔިތުން ބޭނުންވެފައިވާ ދަނޑިވަޅެއްގައި އެފަދަ ކަމެއްގެ ތަހުގީގު ލަސްކުރައްވަން ނަޝީދު މަސައްކަތްޕުޅު ކުރައްވައި އަވަސް އިންތިހާބެއްގެ ވާހަކަ ދެއްކުމަކީ އެކަމާ މެދު ސުވާލުއުފެދޭ ކަންކަން ކަމަށެވެ.
"ތަހުގީގެއް ކުރިއަށް ގެންދިއުމަށް ރައީސް ނަޝީދު ބާރު ނާޅުއްވައި އަބަދުވެސް އަވަސް އިންތިހާބެއްގެ ވާހަކައެއް ދައްކަވަނީ. ގާނޫނު އަސާސީ އަށް ބަދަލުތަކެއް ނުގެނެސް އަވަސް އިންތިހާބެއް ނުބޭއްވޭނެ ކަން ނަޝީދު ވެސް ދެނެ ވަޑައިގެންނަވާނެ. ނަމަވެސް ރައްޔިތުގެ ބަޔަކު ބޭނުންކޮށްގެން މަގުމަތީގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު އެއްވެސް ވަރަކަށް ހަތް ވަނަ ދުވަހު ހިނގައި ދިޔަ ކަންކަން ތަހުގީގަށް އެއްބާރުލުން ނުދެއްވާ ކަން ފާހަގަ ކުރެވޭނީ،" ޑީޑީ ވިދާޅުވި އެވެ.
ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި ނަންފުޅު ސަރުކާރުންނާއި ކޮމަންވެލްތުން ވެސް ގަބޫލުކޮށްފައި ވަނިކޮށް، އެ ނަންފުޅު އަނބުރާ ގެނދެވިކަމަށް ސަރުކާރުން ވަނީ އިއްޔެ ބުނެފަ އެވެ.
މަނާލްގެ ނަން ފޮނުވުމުގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ އިންކުއަރީ ކޮމިޝަނުގައި ހިމެނުއްވުމަށް 10 ނަމެއް ފޮނުއްވައިފަ އެވެ. އެ ނަންފުޅުތަކުގެ ތެރޭގައި ހިމެނެނީ ލެފްޓިނަންޓް ކާނަލް ޒުބައިރު އަހުމަދު މަނިކާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ އާއި ނަޝީދުގެ ކެބިނެޓުގައި ތިއްބެވި ބޭފުޅުން ކަމަށްވާ ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމާއި ޔޫތު މިނިސްޓަރު ހަސަން ލަތީފާއި އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހަންމަދާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކުރީގެ މެމްބަރު އިބްރާހިމް ސަލީމު ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް ސަރުކާރުން އެ ނަން ފުޅުތައް ގަބޫލުކޮށްފައި ނުވަނީ އެ ބޭފުޅުންގެ ޝަރުތު ހަމަނުވާތީ ކަމަށް ބުނެ އެވެ.
ކޮމިޝަންގައި ރައީސް ނަޝީދުގެ ފަރާޕުޅުން ކަނޑައަޅުއްވާ މެންބަރެއްގެ އިތުރުން ސަރުކާރުގެ ތިން މެންބަރަކާއި ސިންގަޕޫރުގެ ރިޓަޔާރޑް ފަނޑިޔާރަކު ހިމެނިވަޑައިގެންނަވާ ގޮތަށް ކޮމަންވެލްތާއި ސަރުކާރާ ދެމެދު ކުރި މަޝްވަރާއަށް ފަހު ވަނީ ނިންމައިފަ އެވެ.