ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ހަމަނުޖެހުން ބޮޑުވެ މާރާމާރީ ހިންގި މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެރިކަން ކުރާ ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

މަޖިލީހުގައި މިއަދު ހިންގި މާރާމާރީ ކުށްވެރިކޮށް އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ، ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ ގަޔަށް އަތްލައި، މާރާމާރީ ހިންގައި މެންބަރެއްގެ ބޯ ފަޅާލާފައި ކަމަށެވެ.

މިކަންކަން ހިނގަމުން ދިޔައިރު އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ، މަޖިލީހުގެ ޖަލްސާތައް އިންތިޒާމު ކުރާއިރު މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި، ހަމަނުޖެހުމަށް ފުރުޞަތު ނުދިނުމަށް ހަރު އަޑުން ގޮވާލާކަމަށެވެ.

މިއަދުގެ ހަމަނުޖެހުން ބޮޑުވެ އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ސަރުކާރު ކޯލިޝަނުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރު މިއަދު ބޭއްވި ޖަލްސާގައި ހަމަނުޖެހުން އުފެދުނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ނިންމުމުންނެވެ.

އެމްޑީޕީން ރުހުންނުދޭން ނިންމި ވަޒީރުންނަކީ:

  • ބަންޑާރަނައިބު އަހުމަދު އުޝާމް

  • އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އެ ނިންމުމާ ނުރުހުންވެ، ސަރުކާރަށް ތާއީދުކުރައްވައި މެންބަރުން ޖަލްސާއަށް ހުރަސްއެޅުމުން އެ މެންބަރުންނާއި އެމްޑީޕީ މެންބަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްގެވަނީ ގޮސްފައެވެ.