28 Jan 2024, 19:11
ސަރުކާރުގެ ވަޒީރުންނަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުގައި މިއަދަށް ތާވަލުކުރި ޖަލްސާ ކުރިއަށް ނުގެންދެވުމުން އެ މައްސަލައާ މެދު ގޮތް ނިންމުމަށް މިރޭ ވެސް ކުރިއަށްގެންދަން ނިންމައިފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ޖަލްސާ ދެން ފަށާނީ މިރޭ 8:00ގައި ކަމަށެވެ.
މިއަދު ވަނީ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވައި ސަރުކާރުގެ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އެޖެންޑާކޮށްފައެވެ. އެކަމަކު، ބައެއް ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ނިންމުމާ އެކު ސަރުކާރަށް ތާއީދުކުރައްވައި މެންބަރުން ވަނީ ޖަލްސާއަށް ހުރަސްއަޅައިފައެވެ. އެއާ އެކު، މަޖިލީހުގައި ވަނީ ހަމަނުޖެހުން ހިނގައި، މާރާމާރީ ވެސް ހިންގައިފައެވެ.
އެ ހަމަނުޖެހުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ ވަޒީރުންނަށް ރުހުންދޭން ތާވަލުކުރި ޖަލްސާއަށް ސަރުކާރަށް ތާއީދުކުރައްވައި މެންބަރުން ހުރަސްއެޅުމަކީ ޑިމޮކްރެޓިކް ޕްރޮސެސްއަށް ހުރަސްއެޅުން ކަމަށް އެ ޕާޓީން ތުހުމަތުކޮށްފިއެވެ.
ވަޒީރުންނަށް ރުހުން ދިނުމަކީ ގާނޫނޫ އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުން އަދާކުރަންޖެހޭ ޒިންމާއަކަށް ވާއިރު އެ ވޯޓު ނެގުމަށް ސަރުކާރުގެ މެންބަރުން ފުރުސަތު ނުދެނީ ޑިމޮކްރެޓިކް ޕްރޮސެސެއަށް ހުރަސް އެޅުމަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން ވަނީ ސަރުކާރުގެ ހަތަރު ވަޒީރަކަށް ރުހުންނުދޭން ނިންމައިފައެވެ. އެ ވަޒީރުންނަކީ:
ބަންޑާރަނައިބު އަހުމަދު އުޝާމް
- އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ހަތަރު ބޭފުޅުންނަށް ރުހުންނުދޭން ހުށަހެޅީ އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް/ޕީއެންސީން ވަނީ އެ މައްސަލައިގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފައެވެ. އެ ކޯލިޝަނުން ވަނީ އަސްލަމް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފައެވެ.