ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީޖޭ)އަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވުމަށް މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތަފުސީލުތައް ހާމަކުރަން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން މިއަދު ކެބިނެޓުގައި މަޝްވަރާ ކުރި ކަމަށެވެ.

އޭނާ ވިދާޅުވީ ކެބިނެޓުން ނިންމީ، އެ މައްސަލައިގައި ރާއްޖެއިން ބައިވެރިވެ، ރާއްޖެ ތަމްސީލުކުރާ އޭޖެންޓަކަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

ފަލަސްޠީނުގެ ގާޒާގައި، އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅައި، އެ ފަދަ އަމަލެއް ނުހިންގާކަން ކަށަވަރުކުރުމަށް އައިސީޖޭއިންވަނީ މިދިޔަ ހުކުރު ދުވަހު އިސްރާއީލުގެ މައްޗަށް އަމުރުކޮށްފައެވެ.

އެއީ އައިސީޖޭއިން މި މައްސަލަ ބަލަމުންދާއިރު، ދެކުނު އެފްރިކާގެ އެދުމުގެ މަތިން ނެރުނު ވަގުތީ އަމުރެކެވެ. އެ އަމުރަށް އިސްރާއީލުން އަމަލުކުރަންދާ ގޮތުގެ ރިޕޯޓެއް އެގައުމުން އަންނަ މަހުގެ 26ގެ ކުރިން އައިސީޖޭއަށް ހުށަހަޅަން ޖެހޭނެއެވެ.

އެ ރިޕޯޓަށް ބަލައި، އައިސީޖޭއިން އިތުރު ކުއްލި އަމުރެއް ނެރުން އެކަށީގެންވެއެވެ. އެއަށްފަހު، އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ ހެކި އައިސީޖޭއިން ވަޒަންކޮށް، އިސްރާއީލުން ގަތުލްއާންމެއް ހިންގާ ކަމުގެ ދައުވާ އެ ކޯޓުގެ ކޮންމެ ފަނޑިޔާރަކު ވަކިވަކިން ދިރާސާ ކުރައްވާނެއެވެ.

އައިސީޖޭގެ ފަހު ހުކުމް ނިންމަވާނީ، އެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.