މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ގައުމީ ޓީމުގެ އެމީހުންގެ ރަސްމީ ރަތް ޖާޒީ ބޭނުންނުކުރަން ނިންމައިފި އެވެ.

ރަތް ޖާޒީ އަކީ އިނގިރޭސިން މިހާތަނަށް ކާމިޔާބުކުރި ހަމައެކަނި ބޮޑު މުބާރާތް ކަމަށްވާ 1966ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިރު ބޭނުންކުރި ކުލަ އެވެ. އަދި އެ ގައުމުގެ އެއްްވަނަ ކުލަވެސްމެ އެވެ. އިނގިރޭސި ސަޕޯޓަރުން ވެސް އެންމެ ބޮޑަށް ހިތްއެދެނީ ރަތްކުލައިގައި ކުޅުންތެރިން ކުޅޭތަން ދުށުމަށެވެ.

ނަމަވެސް އިނގިރޭސި އެފްްއޭއިން ނިންމާފައިވަނީ އަމްބްރޯއިން ތައްޔާރުކޮށްދީފައިވާ ތިން ކުލައިގެ ޖާޒީގެ ތެރެއިން ޔޫރޯގެ ފުރަތަމަ ދެ މެޗުގައި ފްރާންސާއި ޔުކުރޭނާ ދެކޮޅަށް ހުދުކުލައިގައި ކުޅޭގޮތަށެވެ. ގްރޫޕުގެ ފަހު މެޗުގައި ސްވިޑްންއާ ދެކޮޅަށް ކުޅޭނީ ނޫޖާޒީގަ އެވެ. ރަތްކުލަ ބޭނުންކުރާނީ އިޖްތިމާއީ އާއި ކޮމާޝަލް ކަންތައްތަކުގަ އެވެ.

ރަތްކުލައިގައި ނުކުޅެން އިނގިރޭސިން ނިންމި ސަބަބެއް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނަނީ ފަހަކަށް އައިސް ކުޅުނު މުބާރާތްތަކުގައި ރަތަކުލައިގައި ނާކާމިޔާބުވެފައިވާތީ ކަމަށެވެ.
އިނގިރޭސި ޓީމު ފަރިތަކުރުންތަކުގައި ވެސް ބޭނުން ކުރަނީ ނޫކުލަ އެވެ.