ބެއިޖިން (28 ޖަނަވަރީ 2024): އެމެރިކާގައި އުފައްދާ މެކްސް 737 މަރުކާގެ މަތިންދާބޯޓު ޗައިނާގައި މަނާކޮށްފައިވާތާ ފަސް އަހަރު ފަހުން އެމެރިކާގެ ބޯޓެއް ޗައިނާގެ ދެކުނުގެ އެއާޕޯޓަކަށް ޖައްސައިފިއެވެ.

އެމެރިކާގައި އުފައްދާ މެކްސް 737 މަރުކާގެ މަތިންދާބޯޓުތައް ޗައިނާގައި އުދުހުން މަނާކުރީ އެބޯޓުތަކުން ކުރިމަތިވި ނުރައްކާތެރި ދެ ހާދިސާއާއެކު އޭގައި ފަންނީ އެތައް މައްސަލަތަކެއް ހުރިކަން ސާބިތުވެގެންނެވެ. މި މައްސަލަތަކުގެ ތެރޭގައި ބޯޓުގެ އެތެރެއިން ބައެއް ތަކެތި ތެޅޭއަޑު އިވުމާއި ކުއްލި ހާލަތުގައި ޖައްސަންޖެހުން ގިނަވުން ހިމެނެއެވެ.

ޗައިނާގެ އިތުރުން މެކްސް 737 މަރުކާގެ މަތިންދާބޯޓު ދުނިޔޭގެ އެތައް ގައުމެއްގައި ވެސް މަނާކުރިއެވެ. އެއީ އިންސާނުންގެ ފުރާނައަށް ނުރައްކާވާވަރުގެ ފަންނީ ކަންކަން އެމަރުކާގެ ބޯޓުތަކުގައި ހުރިކަން ސާބިތުވެގެންނެނެވެ.

އެމެރިކާގެ މަޝްހޫރު ބޮއިންގް ކުންފުނިން އުފައްދާ މެކްސް 737 މަރުކާ ބޯޓުތައް ވައިގެ ދަތުރުފަތުރުގެ ޚިދުމަތަށް ނެރުނީ 2017 ވަނަ އަހަރުއެވެ. އެއަށްފަހު ފަސިންޖަރުންގެ ފުރާނައަށް ނުރައްކާވާފަދަ އެތައް ހާދިސާތަކެއް ފާއިތުވި ހައެއްކަ އަހަރުތަކުގައި ދުނިޔޭގެ އެކިގައުމުތަކުގައި ބޭނުންކުރި އެމަރުކާގެ ބޯޓުތަކުންވެސްވަނީ ފެނިފައެވެ.

މެކްސް 737 މަރުކާ ބޯޓަކުން ކުރިމަތިވި އެންމެ ނުރައްކާތެރި ދެ ހާދިސާގެ ތެރެއިން އެއްހާދިސާއަކީ އިތިއޮޕިއާގެ އެޑިސްއަބާބާ އެއާޕޯޓުން އޭގެ ބޯޓެއް ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެބޯޓު ވެއްޓި އޭގައި ތިބި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން މަރުވި ޙާދިސާއެވެ. އަނެއް ހާދިސާއަކީ 190 މީހުންނާއެކު ދަތުރުކުރި ލިޔޮން ކުންފުނީގެ މެކްސް 737 މަރުކާ ބޯޓެއް ދަތުރު ކުރަމުންދަނިކޮށް އިންޑޮނީޝިއާގެ ކައިރިއަށް ވެއްޓުމެވެ. މިހާދިސާގައި އެބޯޓުގެ ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިންވެސް މަރުވިއެވެ.

މިދެ ހާދިސާއަށްފަހު ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުންވެސްވަނީ އިމާޖެންސީކޮށް މެކްސް 737 މަރުކާގެ ބޯޓުތައް އެގައުމުތަކުގައި އުދުހުން މަނާކޮށްފައެވެ. މިއާއެކު މެކްސް މަރުކާގެ ބޯޓުތަކަށް ދިމާވާ މައްސަލަތަކުގެ ތަހުގީގު ބޮއިންގް ކުންފުނިން ފެށިއެވެ.

މިތަހްގީގުތަކުން އެނގުނު ގޮތުގައި ފަރުވާކުޑަވުމާއި އިހުމާލުގެ މައްސަލަ އެމަރުކާގެ ބޯޓުތަކުގައި ވަރަށް ބޮޑެވެ. މީގެތެރޭގައި މެކްސް 737 މަރުކާގެ ބޯޓުތަކުގައި އެތައް ކަމެއް ފުރިހަމަ ނުކޮށް ހުރިކަން ހާމަވެފައިވެއެވެ. މީގެތެރޭގައި އެބާވަތުގެ ބައެއް ބޯޓުތަކުގެ އިމަޖެންސީ ދޮރު ރަނގަޅަށް ހަރުކޮށްފައިނުވާކަން ހާމަވުމާއި ބައެއް ތަންތަނުގެ އިސްކުރުތައް ބާރުނުކޮށް ހުރިކަންވެސް އެނގުނެވެ.

މިހާދިސާތަކާއެކު ބޮއިންގް ކުންފުންޏަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެގެން ދިޔައެވެ. އެއީ މެކްސް 737 މަރުކާގެ ބޯޓުތަކުގެ ކޮލިޓީ ދަށްވުމާއި މައްސަލަތައް ގިނަވުމާއި ބައެއް ބޯޓުތައް ވެއްޓުމާއި އަނެއްބައި ބޯޓުތަކުގެ ބައިތައް ނެއްޓޭ މައްސަލާފައެވެ. މި ފިއްތުންތަކާއެކު ބޮއިންގްއިންވަނީ އެބާވަތުގެ ހުރިހާ ބޯޓުތަކެއް ގްރައުންޑް ކުރުމަށްފަހު ބޯޓުތައް ފަންނީގޮތުން އިސްލާހުކުރުމުގެ މަސައްކަތް ފަށާފައެވެ. މިމަސައްކަތް ނިންމާލިކަން ބޮއިންގްއިން މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ.

ނަމަވެސް މެކްސް 737 މަރުކާގެ ބޯޓެއް މިއަދު ޗައިނާގެ އެއާޕޯޓަކަށް ޖެއްސުމަކީ ބޮއިންގް އިން މައްސަލަ ހައްލުކުރި ކަމުގެ ހެއްކެއް ކަމަށާއި މައްސަލަ ހައްލުކޮށްފައިނުވާނަމަ އެމަރުކާގެ ބޯޓުތައް އުދުހުމުގެ ހުއްދަ ޗައިނާއިން ނުދޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާއަކީ މެކްސް 737 މަރުކާގެ ބޯޓުތަކުގެ މުހިއްމު ބާޒާރެކެވެ. ނަމަވެސް ޗައިނާ އަމިއްލައަށްވެސް މިހާރުވަނީ ބޮއިންގް ކުންފުނިން އުފައްދާ ފެންވަރުގެ ބޯޓުތައް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ޗައިނާ އުފެއްދި ފުރަތަމަ މަރުކާ ކަމަށްވާ ސީ 919ގެ ބޯޓުތައް ޗައިނާގައާއި ހޮންގްކޮންގްގައި މިހާރު ކޮމާޝަލް ދަތުރުތައް ކުރަމުން ގެންދެއެވެ.