ޔޫރޯގައި ވާދަ ކުރާ އިނގިރޭސި ގައުމީ ޓީމުގެ ނުވަ ނަންބަރު ޖާޒީ ލިވަޕޫލްގެ އެންޑީ ކެރޯލަށް އަދި މަޝްހޫރު ހަތްނަންބަރު އާސެނަލްގެ ތިއޯ ވޮލްކޮޓަށް ދީފި އެވެ.

ލިވަޕޫލްގެ 35 މިލިއަން ޕައުންޑްގެ ޒުވާން ފޯވަޑަށް މި ނަންބަރު ދިނުމުން ފުރަތަމަ 11ގައި އޭނާ ކުޅޭނެކަން ވަނީ ކަށަވަރުވެފަ އެވެ. އަދި ޑޭވިޑް ބެކަމްގެ މަޝްހޫރު ހަތްނަންބަރާއެކު ޒުވާން ވޮލްކޮޓަށް ވެސް ވަނީ ޖާގަ ކަށަވަރުވެފައި ކަމަށް މީޑިޔާ ރިޕޯޓަތައް ބުނެ އެވެ. މީގެ ތެރެއިން މިފަހަރުގެ ޔޫރޯ އަކީ ކެރޯލްގެ ބޮޑު ފުރަތަމަ މުބާރާތެވެ. ވޮލްކޮޓަކީ އުމުރުން 16 އަހަރުގައި ވޯލްޑް ކަޕަށް ވެސް ދިޔަ ކުޅުންތެރިއެކެވެ.

އިނގިރޭސި މީޑިޔާތަކުން ބުނަނީ ވޭން ރޫނީ ކުޅެން ފެށުމުން، ޔޫރޯގައި އިނގިރޭސި ޓީމުގެ ފުރަތަމަ 11 އަށް ވާނީ ފުރަތަމަ 11 ނަންބަރު ބޭނުންކުރާ ކުޅުންތެރިން ކަމަށެވެ. މީގެ ތެރެއިން ކިރިޔާ ވެސް ޝައްކުވާ ޖާގަ އަކީ 8 ނަންބަރު ބޭނުންކުރާ ފްރޭންކް ލަމްޕާޑްގެ ޖާގަ އެވެ. އޭނާ ނުނަގާނަމަ ކެޕްޓަން ސްޓީވަން ޖެރާޑާއެކު މެދަށް ކުޅޭނީ 17 ނަންބަރު ބޭނުންކުރާ ސްކޮޓް ޕާކާ އެވެ.

ކެރޯލް ބުނީ އެލަން ޝިއަރާ އާއި ވޭން ރޫނީ ފަދަ ކުޅުންތެރިން ބޭނުންކުރި ނަންބަރު ލިބުމުން އުފާކުރާ ކަމަށާއި ގައުމީ ޖާޒީގައި މޮޅު ދައްކަން އޭނާ ހުރީ ފޯމުގައި ކަމަށެވެ. ނަމަވެސް އޭނާއަށް ވަނީ ނިއުކާސަލް އިން ބޮޑުއަގުގައި ލިވަޕޫލަށް ބަދަލުވެ މި އަހަރު މޮޅު ކުޅުމެއްް ނުދެއްކިފަ އެވެ.

އިނގިރޭސި ޓީމުން ބާކީކުރި ކުރީގެ ކެޕްޓަން ރިއޯ ފާޑިނަންޑްގެ ފަސް ނަންބަރު ޖާޒީ ލާނީ ޗެލްސީގެ ގެރީ ކާހިލް އެވެ. އޭޝްލީ ޔަންގް ލާނީ 11 ނަންބަރެވެ. ފިލް ޖޯންސް ލާނީ 14 ނަންބަރެވެ.