އދ. މަޖިލިސް (28 ޖަނަވަރީ 2024): ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވާ އދ.ގެ އެޖެންސީ "ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް (އަންރުވާ)"އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓާލުމަށް އިސްރާއީލުގެ އިސްތިއުމާރަށް ވާގިވެރިވާ ހުޅަނގުގެ ބައެއް ގައުމުތަކުން ނިންމުން އެކަމާމެދު ކަންބޮޑުވާކަން އދ.އިން ހާމަކޮށްފިއެވެ.

"އަންރުވާ"ގެ ކޮމިޝަނަރު ޖެނެރަލް ފިލިޕް ލަޒާރިނީ ވިދާޅުވީ "އަންރުވާ"އަށް ދޭ އިންސާނީ އެހީތައް އިސްރާއީލުން ކުރި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ހުއްޓާލުމަކީ ޒިންމާދާރު ކަމެއްނޫން ކަމަށާއި ހާލުގައި ޖެހިފައިވާ އެތައް މިލިޔަން ބަޔަކަށް މިނިންމުމުގެ ސަބަބުން ބޮޑު ނިކަމެތި ކަމެއް ލިބިގެންދާނެ ކަމުގައެވެ.

"އަންރުވާ"އަށް ދޭ އިންސާނީ އެހީ ވަގުތީގޮތުން ކަނޑާލުމަށް ނިންމީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރަށް އެންމެ ބޮޑަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުންނެވެ. މީގެތެރޭގައި ހިމެނެނީ އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އަދި ޖަރުމަނުވިލާތެވެ. މިގައުމުތަކަކީ އިސްރާއީލު ބުނާ ވާހަކަތައް ގަބޫލުކުރުމުގެ ތާރީޚު އޮންނަ އަދި އިސްރާއީލުގެ އިސްތިއުމާރާއި އަޅުވެތިކަމާ ދެކޮޅަށް ތެދުވުމުގެ ހައްގު ފަލަސްތީނަށް ނޯންނާނެކަމަށް ދެކޭ ގައުމުތަކެވެ.

އިސްރާއީލުން "އަންރުވާ"ގެ މައްޗަށް ކުއްލި ގޮތަކަށް ތުހުމަތުކޮށްފައިވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސްގެ މުޖާހިދުން މިދިޔަ އޮކްޓޯބަރުމަހު ޣައްޒާގެ ތެރެއިން ޣައްޒާގެ ވަށައިގެންވާ އިސްރާއީލުގެ ޔަހޫދީ އަވަށްތަކަކަށް ދިން ކުއްލި ހަމަލާތަކުގައި "އަންރުވާ"ގެ ބައެއް މުވައްޒަފުން ބައިވެރިވިކަމުގެ ތުހުމަތެވެ.

އިސްރާއީލުގެ މި ތުހުމަތުތައް ސާބިތުވެސް ނުވަނީސް އިސްރާއީލަށް ވާގިވެރިވާ ހުޅަނގުގެ ބައެއް ގައުމުތަކުންވަނީ "އަންރުވާ"އަށް ދޭ އެހީތައް ވަގުތީގޮތުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ. ނަމަވެސް އިސްރާއީލުން ޣައްޒާއަށް ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުންގެ ގެދޮރަށް ހަމަލާދީ އާންމުންގެ 25 ހާހަށްވުރެ ގިނަމީހުން ޝަހީދުކޮށް 70 ހާހަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލުމުގެ ޖަރީމާތައް ހިންގަމުން ގެންދާއިރު ހުޅަނގުގެ މިގައުމުތަކުން ގެންދަނީ އަސްކަރީ ގޮތުން އިސްރާއީލަށް ވާގިވެރިވަމުންނެވެ. ހަތިޔާރާއި ޖާސޫސީ މައުލޫމާތު އިސްރާއީލަށް ފޯރުކޮށްދެމުންނެވެ.

ފަލަސްތީނު ގަދަބާރުން ހިފައިގެން އޮންނަ އިސްރާއީލަށް އަމިއްލަ ނަފްސުގެ ދިފާއުގައި ހަމަލާދިނުން މިގައުމުތަކަށް ގޯސްވެފައިވާއިރު އިސްރާއީލުން ޣައްޒާ އިސްތިއުމާރު ކުރުމަށާއި އިސްރާއީލުގެ އިސްތިއުމާރުގެ ދިފާއު ކުރުމަށްޓަކައި ޣައްޒާގެ އާންމުން މަރައި ހަނގުރާމައިގެ ޖަރީމާތައް ހިންގުން މިގައުމުތަކަށް މާބޮޑު ކަމަކަށް ނުވެއެވެ.

އަނެއްކޮޅުން ހަމާސްގެ މުޖާހިދުން ޣައްޒާއިން ދިން ހަމަލާތައް އަމާޒުކުރި ބިންތަކަކީވެސް އިސްރާއީލު ގަދަބާރުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކެވެ. ގަދަބާރުން ވެރިވެގަތުމަށްފަހު އެތަންތަނުގައި ގަވައިދާ ޚިލާފަށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ފަލަސްތީނުގެ ބިންތަކެވެ.

ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުގެ ދޮޅު ހާހެއްހާ މީހުން މަރުވެފައިވާއިރު އިސްރާއީލުގެ ހަމަލާތަކުގައި ހަމައެކަނި ފަލަސްތީނުގެ އާންމުންގެ ވެސް 25 ހާހަށް ވުރެގިނަމީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވާ އދ.ގެ އެޖެންސީއަށް ދޭ އިންސާނީ އެހީތައް މެދު ކަނޑާލަން އިސްރާއީލުގެ އިސްތިއުމާރަށް ވާގިވެރިވާ ހުޅަނގުގެ ބޮޑެތި ބާރުތަކުން މިނިންމީ ޣައްޒާގައި ފަލަސްތީނު މީހުންގެ ނަސްލު ނައްތާލުމުގެ އެއްވެސް އަމަލެއް ހިނގާފާނެ ފަދަ ކަމެއް ނުކުރުމަށް ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުން އިސްރާއީލުގެ މައްޗަށް މިދިޔަ ހުކުރުދުވަހު އަމުރު ކޮށްފައި ވަނިކޮށެވެ.

މީގެއިތުރުން ޣައްޒާގެ އާންމުންނަށް ބޭނުންވާ އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ހުރަސް ނޭޅުމަށާއި އެކަމަށް މަގުފަހިކުރުމަށްވެސް ބައިނަލްއަގްވާމީ ކޯޓުން އިސްރާއީލަށްވަނީ އަމުރުކޮށްފައެވެ.

ބައިނަލްއަގްވާމީ ކޯޓުގެ މިއަމުރާއެކު 75 އަހަރު ވަންދެން ބައިނަލްއަގްވާމީ އަދާލަތަށް ފިލައިގެން އުޅޭ ޔަހޫދީ އިސްރާއީލު ފުރަތަމަ ފަހަރަށް މިވަނީ ބައިނަލްއަގްވާމީ ކޯޓުގެ ކުރިމައްޗަށް ހާޒިރުކޮށް ވަކިކަންތައްތަކެއް ނުކުރުމަށް އިސްރާއީލުގެ މައްޗަށް ހުކުމްކޮށްފައެވެ. އިސްރާއީލަކީ ހުޅަނގުގެ އެހީތެރިކަމުގައި ގާނޫނަށްވުރެ މަތީގައި އުޅެމުންގެންދާ އިސްތިއުމާރީ ޔަހޫދީ ބާރެކެވެ.

ބައިނަލްއަގްވާމީ ކޯޓުންވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްކަން ބެލުމުގެ ކަންތައްވެސް ކުރިޔަށް ގެންދިޔުމަށް ނިންމާފައެވެ. ބައިނަލްއަގްވާމީ ކޯޓުގެ އަމުރުގައި އިސްރާއީލުގެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައި ނުވާތީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާ އަދި ސުލްހައަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.

އޮކްޓޯބަރު ހަތެއްގައި އަމިއްލަ ނަފްސުގެ ދިފާއުގައި ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި "އަންރުވާ"ގެ ބައެއް މުވައްޒަފުން ބައިވެރިވިކަމަށް އިސްރާއީލު ތުހުމަތުކުރާއިރު އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގައި "އަންރުވާ"ގެ އެތައް ބަޔަކުވަނީ މަރާލާފައެވެ.