30 May 2012, 12:04
ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހިންގާ މަޝްރޫއެއްގައި އެއްބާރުލުން ދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އާ އެކު މެމޯރެންޑަން އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނީ އޭސީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރީ އެޖަމާއަތުން އަންނަ މޭ މަހު ފަށަން ހަމަޖެހިފައިވާ އެޑްވޮކަސީ އެންޑް ލީގަލް އެޑްވައިސް ސެންޓާ ( އޭލެކް) މަޝްރޫއުގައި އޭސީސީއާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން އޭސީސީން ޓްރާންސްޕޭރެންސީގެ މަޝްރޫއަށް އެއްބާރުލުން ދިނުމަށާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދެ ފަރާތުން ވެސް އިލްމާއި ތަޖުރިބާ ހިއްސާކޮށް އަދި އެހެނިހެން ދާއިރާތަކުން އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުންޏެވެ.
އަންނަ ޖޫން މަހު ފަށާ އޭލެކް މަޝްރޫއުގެ މައިގަނޑު މަގުސަދުތަކަކީ ކޮރަޕްޝަން ތަހައްމަލުކުރަމުންދާ އަދި ތަޖުރިބާ ކުރަމުންދާ ފަރާތްތަކަށް ޝަކުވާ ހުށައެޅޭނެ ފަސޭހަ ނިޒާމެއް ތައާރަފްކުރުމާއި ދައުލަތުގެ މުއައްސަސާތަކުގެ ނިޒާމުތަކުގެ ތެރެއިން މައްސަލަ ހައްލުކުރުމަށް ބާރުއަޅައި ހިތްހަމަޖެހޭ ނަތީޖާއެއް ނުނެރެވިއްޖެ ނަމަ އެފަރާތަކުން ގާނޫނީ ނިޒާމުގެ ތެރެއިން ހައްލު ހޯދުމުގައި ގާނޫނީ ލަފާ ދިނުމެވެ.
ޓްރާންްސްޕޭރެންސީ މޯލްޑިވްސް އިން ބުނީ އޭލެކް މަޝްރޫއު ހިންގުމަށްޓަކައި ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި އެކުގައި ވެސް އެއްބަސްވުމަކަށް އައުމަށް އެޖަމާއަތުން ބުންޏެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރި ކަމަށް އޭސީސީން ވެސް ބުންޏެވެ.