28 Jan 2024, 09:20
އެމްޑީޕީ ދޫކޮށް، ޕީއެންސީއަށް މިދިޔަ ޑިސެމްބަރު މަހު ސޮއިކުރި ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުންނާ އެކު އެ ޕާޓީއަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ލިބުނުކަން މިއަދު މަޖިލީހުގެ ރިޔާސަތުން އިއުލާނުކޮށްފިއެވެ.
ކުއްލި ގޮތަކަށް، އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު މިދިޔަ މަހުގެ 28 ގައި ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ.
މިއަދު އޮތް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، 13 މެންބަރުން އެމްޑީޕީ ދޫކޮށް، ޕީއެންސީއަށް ބަދަލުވިކަން މިހާރު މަޖިލީހަށް އަންގާފައިވާ ކަމަށެވެ. އަދި، އެ މެންބަރުންގެ ޕާޓީ ބަދަލުވިކަން އިލެކްޝަންސް ކޮމިޝަނުން ވެސް އަންގާފައިވާ ކަމަށެވެ.
މިހާރު ޕީއެންސީގައި 14 މެންބަރުން ތިއްބަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މީގެ ކުރިން މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތީ ދަ ޑިމޮކްރެޓްސްއެވެ. އެ ޕާޓީގައި 13 މެންބަރުން ތިއްބަވައެވެ.
އެހެންވެ، އަސްލަމް މިއަދު ވިދާޅުވީ، 14 މެންބަރުންނާ އެކު މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ޕީއެންސީ ކަމަށެވެ. އަދި، މައިނޯރިޓީ ލީޑަރަކީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކަމަށެވެ. ޕީއެންސީގެ އިތުރުން، އެ ޕާޓީއާ އެކު މަސައްކަތްކުރާ ޕީޕީއެމްގައި ވެސް ދެ މެންބަރުން ތިއްބަވައެވެ.
ކުއްލި ގޮތަކަށް 13 މެންބަރުން ޕީއެންސީއާ ގުޅުނު ފަހުން، އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވެސް ވަނީ ޕީއެންސީއަށް ބަދަލުވެފައެވެ.