އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އިން އިސްރާއީލަށް ކުރި އަމުރާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް އަންނަ ހަފުތާ ބާއްވަން ނިންމައިފިއެވެ.

ބުދަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އެ ބައްދަލުވުން ބޭއްވުމަށް ގޮވައިލައިފައިވަނީ އަލްޖީރިއާގެ ޚާރިޖީ ވުޒާރާއިންނެވެ.

އައިސީޖޭއިން ހުކުރު ދުވަހު ނެރުނު އަމުރުގައި ބުނީ އިސްރާއީލުން ހަމާސްއާ އެކު ކުރާ ހަނގުރާމައިގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވައި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުއްދަ ދޭން ޖެހޭ ކަމަށެވެ. ނަމަވެސް ހަނގުރާމަ ހުއްޓައިލުމަކަށް ކޯޓުން އަމުރުކޮށްފައެއް ނުވެއެވެ.

އައިސީޖޭގެ އެ އަމުރުގައި ބުނާ ކަންކަން ކުރުމަށް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަންޖެހޭ ކަމަށް ފަލަސްތީނުން އދ އަށް ކަނޑައަޅައިފައި ހުންނަ މަންދޫބު ރިޔާދު މަންސޫރު ވިދާޅުވިއެވެ. އަދި، އަރަބި ގައުމުތައް އެކުވެގެން ހަނގުރާމަ ހުއްޓައިލުމަށް އިތުރަށް ޕްރެޝާ ކުރާނެކަމުގެ އިޝާރާތެއް ވެސް މަންސޫރު ވަނީ ދެއްވައިފައެވެ.

އޭގެ އިތުރުން، އަލްޖީރިޔާއިން ހުށަހެޅި ހުށަހެޅުމުގައި މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލާނެ ކަމަށް ބެލޭވޭ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި ގިނަ ދުވަސްތަކެއް ވަންދެން ބައިބައިވެފައިވާ ޔޫއެންއެސްސީން އެއްބަސްވެފައި ވަނީ އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސްއިން ދިން ހަމަލާތަކުގެ ފަހުން އިސްރާއީލުން ޣައްޒާއަށް ބޮޑު ހަމަލާއެއް ދިނުމުންނެވެ.

ޣައްޒާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓައިލުމަށް ގޮވައިލައި ސަލާމަތީ މަޖިލީހުން މީގެ ކުރިން ވެސް ވަނީ ދެ ފަހަރެއްގެ މަތިން ގަރާރު ހުށަހަޅައިފައެވެ. ނަމަވެސް އެ ގަގާރު ފާސްވެފައެއް ނުވެއެވެ. ސަލާމަތީ މަޖިލީހުން އެންމެ ފަހުން ހުށަހެޅި ގަރާރު ވެސް އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ. އެމެރިކާއަކީ އިސްރާއިލުން ޣައްޒާގައި ދެމުންގެންދާ އުދުވާނީ ހަމަލާތައް ކުރިއަށް ގެންދިއުމަށް މާލީ އަދި އަސްކަރީ ގޮތުންވެސް އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ.