30 May 2012, 11:59
އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޕެންޝަން ސުކީމަށް ފައިސާ ދެއްކޭނެ އިންތިޒާމް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓުރޭޝަން އޮފީހުން (އެމްޕީއޭއޯ) ހަމަޖައްސައިފި އެވެ.
ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ޝުޖާއު މިއަދު ވިދާޅުވީ އެ ހިދުމަތަކީ ދިވެހިރާއްޖޭގެ ރިޓަޔާމަންޓް ޕެންޝަން ސުކީމަށް ވަޒީފާދޭ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ، ފަސޭހައިން ދެއްކޭނެ ގޮތުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހަމަޖެއްސި ހިދުމަތެއް ކަމަށެވެ.
"މީގެ ކުރިން ހިދުމަތް ދިނުމަށް މިޖެހެނީ ވަޒީފާ ދޭފަރާތްތަކުން ޗެކެއް ނުވަތަ ފައިސާ ބެންކަށް ގެންގޮސް މިހިދުމަތް ދޭން. ނަމަވެސް މިތައާރަފް ކުރެވުނު ހިދުމަތުގެ ސަބަބުން އިންޓަނެޓް މެދުވެކޮށް މިހިދުމަތްދެވޭނެ،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ޕެންޝަން ސުކީމުގައި 70000 އަށް ވުރެ ގިނަ މީހުން ބައިވެރިވާ އިރު އެ ހިދުމަތްދެވޭނީ ބޭންކޮފް މޯލްޑިވްސް މެދުވެރިކޮށް ކަމަށެވެ.
ޕެންޝަން އޮފީހުން ބުނީ ޕެންޝަން ފަންޑުގައި ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށެވެ.