މިފަހަރުގެ މުބާރާތަށް ވެސް ނިކުންނާނީ އެންމެ ފަހުން ބޭއްވި މުބާރާތުގެ ފައިނަލް މެޗުގައި ޖަރުމަނާ ދެކޮޅަށް ދެއްކި ހިތް ވަރުގަދަ މޮޅުކުޅުން ތަކުރާރުކޮށް، ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޔޫރޯ ކާމިޔާބު ކުރަން ކަމަށް ސްޕެއިން ޓީމުގެ ކޯޗް ވިސެންޓޭ ޑެލް ބޮސްކޭ ބުނެފިއެވެ.

2008 ވަނަ އަހަރު ސްވިޒަލެންޑުންގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަން އަތުން 1-0 ލަނޑުން މޮޅުވެ، މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިންއިން ހޯދިއިރު، މިފަހަރުގެ މުބާރާތުގައި އެޓީމް ހިމެނެނީ ގްރޫޕް ސީގައެވެ. އަދި ސްޕޭންއާ އެކު މިގްރޫޕްގައި ދެން ހިމެނޭ ޓީމް ތަކަކީ އިޓަލީވިލާތާއި، ރިޕަބްލިކް އޮފް އަޔަރލޭންޑް އަދި ކްރޮއޭޝިއާއެވެ.

ކޯޗް ވިސެންޓޭ ޑެލް ބޮސްކޭގެ އިރުޝާދުގެ ދަށުން މިފަހަރުގެ މުބާރާތަށް ސްޕެއިން ތައްޔާރު ވަމުން އަންނަނީ ވަރަށް ފޯރިޔާއެކު ކަމަށް ވެސް މީޑިއާ ބައެއް ރިޕޯޓް ތަކުގައި ބުނެފައިވެއެވެ. އެގޮތުން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިނުން ވަނީ މިރޭ ވެސް އެކުވެރިކަމުގެ މެޗެއް ސައުތު ކޮރެއާ ދެކޮޅަށް ކުޅުމަށް ތައްޔާރު ވެފައެވެ. މިމެޗް ކުޅޭނީ ރާއްޖެ ގަޑިން މިރޭ 11 ޖަހާއިރު ސްވިޒަލޭންޑުގައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕޭން ކުޅޭ ފުރަތަމަ މެޗްގައި އަންނަ ޖޫން މަހުގެ 10 ދުވަހު ނިކުންނާނީ އިޓަލީއާއި ދެކޮޅަށެވެ. ޔޫރޯ ކާމިޔާބު ކުރެވިއްޖެނަމަ ސްޕޭން ވެގެންދާނީ ޔޫރޯ އަށް ފަހު ވޯލްޑް ކަޕް އަދި އެއަަށްފަހު ޔޫރޯ ވިދިވިދިގެން ކާމިޔާބުކުރާ ފުރަތަމަ ގައުމަށެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތައްޓެއް އެންމެ ފުރަތަމަ ސްޕެއިންނަށް ލިބިފައި ވަނީ 1964 ވަނައަހަރު އެގައުމުގައި ބޭއްވި މުބާރާތުގައި ޔޫއެސްއެސްއާރާ ދެކޮޅަށް ކުޅުނު މެޗުން 2-1 ލަނޑުން މޮޅުވެގެން ނެވެ.