30 May 2012, 11:53
އަންނަ މަހުން ފެށިގެން އިންފޮމޭޝަން ޑިޕާޓްމަންޓް ގައުމީ ކުތުބުހާނާ ހުންނަ އިމާރާތަށް ބަދަލުކޮށް، އެ ޑިޕާޓްމަންޓްގެ މަސައްކަތްތައް ގައުމީ ކުތުބުހާނާގައި ކުރިއަށް ގެންދާ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އިންފޮމޭޝަން ޑިޕާޓްމަންޓް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގައުމީ ކުތުބުހާނާގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ޝިޔާމް ވިދާޅުވީ މި ބަދަލާއެކު އެ ޑިޕާޓްމެންޓްގެ ހުރިހާ ކަމެއް ވެސް ހިނގާނީ ގައުމީ ކުތުބުހާނާގެ ތެރޭގައި ކަމަށެވެ. މީގެ ކުރިން އެ ޑިޕާޓްމަންޓް ހިނގަމުން އައީ ސަރުކާރުގެ އޮފީސް އެކުވެނި، ވެލާނާގޭގައި ހުންނަ ޓޫރިޒަމް މިނިސްޓްރީގަ އެވެ.
ޝިޔާމް ވިދާޅުވީ ކުތުބުހާނާގެ ތެރެއަށް އިންފޮމޭޝަން ޑިޕާޓްމަންޓް ބަދަލުވުމާއެކު އެންމެ އިސްކަމެއް ދެއްވާނީ ލިޔުންތެރިންނާއި މީޑިޔާތަކުގެ ދަފުތަރެއް ތައްޔާރު ކުރުމުގެ މަސައްކަތަށް ކަމަށާއި އެ ދަފުތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެެވެ. އަދި ވިދާޅުވީ އިންފޮމޭޝަން ޑިޕާޓްމެންޓަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ކުތުބުހާނާއިން ދޭނެ ކަމަށެވެ.
"އިންފޮމޭޝަން ޑިޕާޓްމަންޓުން އެންމެ ފުރަތަމަ ކުރާނެ ކަމަކީ މީޑިއާ އާއި ލިޔުންތެރިންގެ ދަފުތަރެއް އެކުލަވާލުމާއި މީޑިއާގެ ދާއިރާއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ކުރަންޖެހޭ މަސައްކަތްތައް ކުރުން،" ޝިޔާމް ވިދާޅުވި އެވެ.