27 Jan 2024, 10:22
އެއްވެސް ޝަކުވާއެއްނެތި އާރިޒް ބަތްތަށި ކައި ހުސްކޮށްލިއެވެ. އެހާ ގިނައިން އޭނާ ކެއި އެއީ ފުރަތަމަ ފަހަރެވެ. އަބަދުވެސް ހަށިގަނޑަށް ބަލައިގެން އުޅޭ އާރިޒް މިއަދު ކެއީ އޭނާ ދުވަހަކުވެސް ކައިފައިނުވާފަދަ ކެއުމެކެވެ. ލިޝާގެ ގެވެހިކަމާއި، ހިތްހެޔޮކަން އެ ކެއުން ކާން އާރިޒްގެ ހިތް އޭނާއަށް މަޖުބޫރުކުރީއެވެ.
********
އާރިޒަށް ބަލަން އިން ލިޝާ އިސްޖަހައިލީ ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުންނެވެ. އަވަސް އަވަހަށް އެސްފިޔަ ޖަހާލާފައި ކަރުނަތައް ހިންދައިލިއެވެ. އާރިޒް ބަތްތަށި ހުސްކޮށްލުމުން ލިޝާއަށް ނެގުނީ އެހެން މާނައެކެވެ. އެކަނި އުޅޭތީ އާރިޒަށް ނުކެވެނީއެވެ. ކައްކާނެ ވަގުތު ނުވަނީއެވެ. މީރުކޮށް ކައްކަން ނޭނގެނީއެވެ. ނިކަމެއްޗަކަށް ބޮޑު ކަމެއް ކޮށްދެވުނުކަމުގެ އިހުސާސުން ލިޝާއަށް އަމިއްލަ ނަފުސާއިމެދު ފަހުރުވެރިވެވުނެވެ. އެހީތެރިކަން ބޭނުންވެފައިވާ މީހުންނަށް އެހީވުމަކީ ލިޝާ އަބަދުވެސް ކުރަން ބޭނުންވި ކަމެކެވެ. އޭނާ ދިޔުމުގެ ކުރިން އާރިޒަށް ގެއްލިފައިވާ އުފާވެރިކަން ހޯދައިދޭން ލިޝާ ބޭނުންވިއެވެ. އަމިއްލަ ދިރިއުޅުން ވެއްޓިފައިވަނީ ކިހާ ވަރެއްގެ އަނދަވަޅަކަށް ކަން ނޭނގޭ ހާލު، އަމިއްލަ ނަފުސަށްވުރެ ބޮޑަށް އޭނާއަށް ވިސްނުނީ އާރިޒާއި މެދުގައެވެ. އާރިޒަށް އެހީވާން ކޮށްދެވޭނެ ކަމަކާއި މެދުގައެވެ.
"އަދި ބަތް ބޭނުންތަ؟..." އާރިޒް ތަށި ހިފައިގެން ތެދުވިތަން ފެނުމުން، ލިޝާ ސުވާލުކުރިއެވެ.
އާރިޒް ބޯ ހޫރައިލިއެވެ. ތަށި ދޮންނަ ސިންކު ހުރީ ބޭރުގައެވެ. އެއީ ނަމެއްގައި އިން އެއްޗެކެވެ. ފެން އިސްކޫރެއް ނެތެވެ. ދަބަރުޖަހައިގެން ސިންކުގެ ވަށައިގެން ބޮޑެތި ލޯވަޅު ހެދިފައި ހުއްޓެވެ. އާރިޒް ހަދާނެގޮތެއް ނޭނގިފައި ހުއްޓާ، ތައްޓަކަށް ފެން އަޅައިގެން ލިޝާ އައެވެ. އާރިޒްގެ އަތަށް ފެން އަޅައިދޭން ފެށިއެވެ.
"އަހަރެންގެ ނަމަކީ ލިޝާ..." އާރިޒްގެ މޫނަށް ބަލައިލަމުން ލިޝާ ބުންޏެވެ.
އާރިޒަށްވެސް ލިޝާއަށް ބަލައިލެވުނެވެ. އެހާ ކައިރިން ލިޝާގެ މޫނު ފެންނައިރު އެއްވެސް އައިބުކަމެއް ނެތެވެ. ހަންގަނޑު އޮމާނެވެ. އިރުގެ ރަން ދޯދިތައް ވަށް މޫނަށް އެޅިފައިވާއިރު، ސާދަވިލޭރޭގެ ހަނދެކޭ އެއްފަދައެވެ. ހިނިތުންވުން އަދި މާ ފުރިހަމައެވެ. ކުދިކުދި ދަތްތައް ހުދެވެ. ހީލުމުން، ކޮލަށް އެޅޭ އަޑިކޮޅަކީ، ފިރިހެނުންގެ ހިތްތަކުގައި ކޫރުމެއް އަޅުވާލާނެ ސިފައެކެވެ.
"އާރި..." އާރިޒަށް ވާހަކަ ދެއްކުނީ ބޭއިހުތިޔާރުގައެވެ. އެކަން އިހުސާސްވުމުން އޭނާ އަވަހަށް ހުއްޓައިލިއެވެ.
އަމިއްލަ ނަން ބުނަން އާރިޒް ފަސްޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ. ލިޝާ ފެން އަޅައަޅާ ހުއްޓާ، އަވަހަށް އަތް ދަމައިގަތެވެ. ހަށިގަނޑު ސީދާކޮށްލިއެވެ.
*********
"ތިހުރީ ހަތަރެސްކަން ހަމަވެފަ..." ނަސީރާގެ އަޑުގައިވީ ހާސްކަމެވެ.
ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ކޮޓަރިތެރޭގައި އޭނާ ބާރަށް ހިނގަމުން ދިޔައެވެ. ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކީ އަކްރަމެވެ. އަކްރަމްވެސް ހުރީ ނުތަނަވަސްވެފައެވެ.
"އަހަރެން އައިއިރު އޭނަގެ އެކައްޗެއްވެސް ނެތް... ގެންދިޔަ މީހެއްވެސް ނޭނގެ..." އަކްރަމް އިތުރު ތަފްސީލް ދިނެވެ. "ހަމަ ޔަގީނުންވެސް އޭނައަށް އައިސް އެ އެއްޗެއްސެއް ނުގެންދެވޭނެ..."
"ތީ ފާޑެއްގެ އަންހެންކުއްޖެއް... ނޭނގެ ޕޮލިހަށްވެސް ނުދާނެކަމެއް... ގޮއްސިއްޔާ އަހަރެމެންގެ ދުވަސް ދިޔައީ..." ނަސީރާގެ އަރު ބެދުނެވެ. ވާހަކަ ނުދެއްކިގެން ކަރުކެހިލިއެވެ.
"މަންމަ ހާސްނުވެބަލަ.... އަހަރެން އޭނަ ހޯދާނަމޭ... މަންމައަށް އެނގެއެއްނު އަހަރެންގެ ބައިވަރު މީހުން މިތާ އުޅޭކަން... އޭނަ ހޯދާކަށް ނުނަގާނެ މާ ގިނަ ދުވަހެއް..." ބުނަން ބޭނުންވި ވާހަކަތައް ބުނެފައި އަކްރަމް ފޯނު ކަނޑައިލިއެވެ.
********
އާރިޒް އިނީ ގޭގެ ބޭރުގައި އޮނުން ހަދާފައިވާ އަށީގައި އިށީނދެލައިގެންނެވެ. ދޭތެރެއަކުން އެ ނަޒަރު ތަންކޮޅެއް ދުރުގައި ތަށިތައް ދޮންނަން އިން ލިޝާއަށް ހުއްޓެއެވެ. ގަސްދުގައެއް ނޫނެވެ. ނުބަލަން އުޅުނަސް ބެލެނީއެވެ. ލިޝާގެ ކޮންމެ ހަރަކާތަކަށް އާރިޒަށް ބެލެނީ ކީއްވެ ހެއްޔެވެ؟ އެ އަންހެންކުއްޖާގެ ގައިގައި ހުރީ ވަކި ކޮން އައު ސިފައެއް ހެއްޔެވެ؟ ނޫނެކެވެ. ލިޝާ އެހެން އަންހެންކުދިންނާއި ތަފާތެވެ. އާރިޒްގެ އެންމެ ކުދިކުދި ކަންތަކަށްވެސް ސަމާލުކަން ދެއެވެ. އަމިއްލަ ނަފުސަށްވުރެ އާރިޒަށް އިސްކަންދެއެވެ. އޯގާތެރިއެވެ. ހިތްހެވެވެ. ލިޝާގެ ފަރާތުން އާރިޒަށް އިހުސާސްކުރެވުނު ގާތްކަމަކީ، ދުވަހަކުވެސް އޭނާގެ މައިންބަފައިންގެ ފަރާތުންވެސް އިހުސާސްކުރެވުނު ގާތްކަމެއް ނޫނެވެ. އެފަދަ ގާތްކަމެއް އުފައްދަން އޭނާ އެއްވެސް މީހަކަށް ފުރުސަތެއްވެސް ނުދެއެވެ. ގާތް ރައްޓެހިންނާއި އާއިލާ މީހުންކަމުގައިވިޔަސް އުޅެވޭނީ އޭނާ ކަނޑައަޅާ ވަކި އިމެއްގެ ތެރޭގައެވެ.
އާރިޒްގެ ހިތާއި ސިކުނޑި އަރާރުންވާން ފެށިއެވެ. ލިޝާފަދަ އަންހެންކުއްޖަކަށް އަނިޔާއެއް ދޭން ހިތް އެއްބަހެއް ނުވިއެވެ. އާރިޒް ބޯ ހޫރައިލިއެވެ. މަގުސަދު ހާސިލުކުރަން ފަސްޖެހޭފަދަ ކަމެއް ނުކުރަން އަޒުމުކަނޑައެޅިއެވެ.
"އާރި..." ނަމާއިމެދު ވިސްނައިލަމުން ލިޝާ މަޑުމަޑުން ކިޔައިލިއެވެ. "އާރިގެ ކޮއްކޮއެއް ދައްތައެއް ހުރޭތަ؟..."
ތަންކޮޅެއް ދުރުގައި ބޯޅަ ކުޅެން އުޅުނު ކުދިންތަކަކަށް ބަލަން އިން އާރިޒަށް ލިޝާގެ އަޑު އިވުނީ ނުހަނު ކައިރިންނެވެ. އޭނާ ބަލައިލިއިރު، ކައިރީގައި ލިޝާ އިނެވެ. ހާމައަށް ފެންނަން އޮތް އުޑަށް ނަޒަރު ހުއްޓާލުމުގެ ކުރިން ލިޝާ އާރިޒްގެ މޫނަށް ވަރަށް ފުން ނަޒަރެއް ދިނެވެ.
"ނެތް..." އާރިޒް ޖަވާބުދިނީ ލިޝާއަށް ނުބަލާ އިނދެއެވެ.
"އޯހް..." ލިޝާ ދެރަވިއެވެ. މަލެއްހެން މޫނު މިލާ މޯޅިވިއެވެ. ހަމްދަރުދީއިން އޭނާގެ ހިތް ފުރުނެވެ. އާއިލާގައި އިތުރު މެމްބަރަކު ނެތުމުގެ ފަޅުކަން ލިޝާއަށް އިހުސާސް ކުރެވޭއިރު، މައިންބަފައިން ނެތް އާރިޒްއަށް އެ އިހުސާސް މާ ބޮޑަށް ކުރެވޭނެއެވެ.
އާރިޒްގެ ދިރުމެއް ނެތް މޫނަށް ލިޝާ ބަލައިލިއެވެ. ކަޅުކަންގަދަ ދެބުމަ އާއި ރީތި ދެލޮލެވެ. ގަދަ މުށިކުލައިގެ ކަޅިން ދެލޮލުގެ ރީތިކަން އިތުރުކޮށްދެއެވެ. ދިގުކޮށްފައިވާ ތުނބުޅި އާރިޒްގެ މޫނާއި ނުގުޅެއެވެ. އަޅާލާނެ މީހަކު ހުރިނަމަ، ފުރިހަމަ ރީތި އިންސާނަކަށް ވީހެވެ. ލިޝާގެ ބާރު ހިނގާނަމަ، އެ ތުނބުޅި ތުނިކޮށް ކޮށާލާނެއެވެ.
"އަހަރެންގެވެސް ކޮއްކޮއެއް، ދައްތައެއް، ބޭބެއެއް ނުހުރޭ..." ލިޝާ ދޫކޮށްލީ ފުން ނޭވާއެކެވެ. "ހާސްނުވޭ... އަހަރެން މިހުރީނު... މީގެފަހުން އަހަންނަކީ އާރިގެ ކޮއްކޮ... ޔުއަރ ލިޓްލް ސިސްޓަރ... ތީ އަހަރެންގެ ބޭބެ..."
"މޮޔަ އަންހެންކުއްޖާ!..." ލިޝާއަށް ބަލައިލި އާރިޒަށް ހިތާއިހިތުން ބުނެވުނެވެ.
ބޭއިހުތިޔާރުގައި އާރިޒަށް ހިނިތުންވެލެވުނެވެ. ލިޝާގެ މައުސޫމުކަމާއި، ވާހަކަ ދައްކާއިރު ގެންގުޅޭ ރާގުން، އާރިޒަށް އެ އަޑު އަހަން އިނދެވެއެވެ. ދައްކާ ވާހަކައަށް ސަމާލުކަން ދެވެއެވެ.
"ތީގެ މާނައަކީ ޔެސްއޭތަ؟..." އާރިޒް ހިނިތުންވެލި މަންޒަރު ފެނުމުން، ލިޝާގެ މޫނު އުޖާލާވިއެވެ. "ބްރަދާރ..."
ލިޝާ އަމިއްލައަށް ހުރިހާ ކަމެއް ނިންމަމުން ދިޔައީ ފޮނި ހުވަފެންތައް ދެކެމުންނެވެ. އާރިޒްގެ މަގުސަދަކީ ކޮބައިކަން އެނގޭނަމަ، އެފަދަ ހިނިތުންވުމެއް ލިޝާގެ މޫނުން ފެނުނީސް ހެއްޔެވެ؟ އާރިޒާއި ގާތްގުޅުމެއް ބޭއްވީސް ހެއްޔެވެ؟
********
ބާރު ދުވެލީގައި ދަތުރުކުރަމުންދިޔަ ކާރުގެ މިސްރާބު ހުރީ ސިލްވަރ ވޫޑް ގެއަށެވެ. ކާރު ދުއްވަން އިނީ ސަޗިންއެވެ. ފަހަތު ޝީޓުގައި އިން އާރިޒްގެ ނަޒަރު ބިއްލޫރިގަނޑުން ބޭރަށް ހުއްޓިފައިވާއިރު، އޭނާ އިނީ ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ދޭތެރެއަކުން ހިނިތުންވެލާގޮތުން ސަޗިން އިނީ އަޖައިބުވެފައެވެ.
"މެންދުރުގެ ކެއުމަށް ރިޒަވޭޝަންއެއް ހަދަންތޯ؟..." ކާރުގެ ލޯގަނޑުން އާރިޒަށް ބަލައިލަމުން ސަޗިން އަހައިލިއެވެ.
"ނޫނޭ... މިއަދު އެކަން ހަމަޖައްސާނެކަމެއް ނެތް... އެކޮޅުން ކައިފިން..." އާރިޒް ޖަވާބު ދިނެވެ.
"އޭނ؟..." ސަޗިން ހައިރާންވިއެވެ.
އާރިޒް އެކޮޅުންނޭ ބުނުމުން އެއީ ކޮން ތަނެއްކަން ސަޗިންއަށް އެނގުނެވެ. އަމިއްލަ ގެއިން ނުވަތަ އަގުބޮޑު ރެސްޓޯރެންޓްތަކުން ނޫނީ ނުކާ އާރިޒް އޭނާގެ ގޭގައި ތައްޔާރުކުރި ކެއުމެއް ކައިފާނެކަމަށް ގަބޫލުކުރަންވެސް ސަޗިންއަށް އުނދަގޫވިއެވެ.
"އެ އަންހެންކުއްޖާ ބަހައްޓާނެ އެހެން ތަނެއް ހޯދަންތޯ؟..." ސަޗިން އަހައިލިއެވެ.
"ނޫނޭ... ހޮޓެލް އެޕާޓްމަންޓްގަ ހުންނަން ސަޗިންއަށް ދަތިވާ އެއްވެސް ކަމެއް އޮތީތަ؟..." އާރިޒް ސުވާލުކުރިއެވެ.
"ނޫން ސަރ..." ސަޗިން އަވަސް އަވަހަށް ބުންޏެވެ.
އާރިޒް އޭނާގެ ކޮޓަރިއަށް ވަންއިރު، ސޯފާގައި މާނަވް އޮތެވެ. އާރިޒް ފެނުމުން ފުންމައިގެން ތެދުވިއެވެ.
"ބުނެވެސްނުލާ ކޮންތާކަށްތަ ގޮއްސަ ތިއައީ؟... އަންކަލް ހާދަ ސުވާލެއް ކުރިއޭ..." މާނަވް ހުރީ މޫނަށް ނުރުހުމުގެ ވައްތަރެއް ޖައްސައިގެންނެވެ.
"ކުޑަ ކަމެއް ދިމާވީ..." ލައިގެން ހުރި ޓީޝާޓު ބާލަމުން، އާރިޒް ބުންޏެވެ.
"ކިހާ ކުޑަ ކަމެއްވީމަ ތި ހެދުމުގަ ބޭރަށް ދިޔައީ... އެވެސް ނިދިމޫނާއެކީ..." މާނަވް ހީގަތެވެ. "ކައިގެންތަ ތިހުރީ... ހާދަ ބަނޑު ބޮޑޭ..."
"ދެން ނުކުމޭ ބޭރަށް... މިހާރު މާ ގިނައިރު މިތާ ހުރެވިއްޖެއެއްނު..." އާރިޒް މާނަވްގެ ދެކޮނޑުގައި ހިފައި ދޮރާއި ދިމާއަށް ކޮއްޕަމުން ބޭރަށް ނެރުނެވެ. ދޮރު ލައްޕާ ތަޅުލިއެވެ.
"ތިއައީ އަންހެންކުއްޖެއް ކައިރިއަށް ގޮއްސަދޯ؟...." މާނަވް ބޭރުގައި ހުރެ ތަންކޮޅެއް ބާރަށް ބުންޏެވެ. "ޔަގީނޭ..."
ފެންވަރަން ހުރިއިރު، އާރިޒަށް ވިސްނެމުން ދިޔައީ ލިޝާއާއި މެދުގައެވެ. އާރިޒްގެ ކޮންމެ ހިތާމައަކީ ލިޝާއަށް ހިތްދަތިކަން ގެނެސްދޭ ކަމެއް ކަހަލައެވެ. އެފަދަ ވާހަކައެއް ބުނާ ކޮންމެ ފަހަރަކު ލިޝާގެ މޫނުން ފެންނަ ހިތާމައަކީ ދެއްކުންތެރިކަމެއް ނޫނެވެ. ވީއިރު، އެހާ މައުސޫމު އަންހެންކުއްޖަކަށް އަނިޔާއެއް ދޭން އާރިޒަށް ފަސޭހަވާނެ ހެއްޔެވެ؟
އިރު އޮއްސުނެވެ. މުޅި ތަނަށް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ. ތަންކޮޅެއް ދުރުން ފެންނަމުންދިޔަ ގޭގޭގެ މީހުންވެސް ގޭތެރެއަށް ވަދެ، ދޮރުތައް ލައްޕާ ތަޅުލިއެވެ. އެގެތަކުގެ ބޭރުގައިވެސް އަލިކަމެއް ނެތެވެ. ގޭގެ ދޮރުން ބޭރަށް ބޯ ދިއްކޮށް ބަލައިލި ލިޝާ އަވަހަށް ދޮރު ލައްޕައިލިއެވެ. އަނދިރިކަންދެކެ އޭނާ ބިރުގަނެއެވެ. ގޭގައިވެސް މާބޮޑު އަލިކަމެއް ނެތެވެ. މެދުގެތެރޭގައި ހަރުކޮށްފައިވާ ފަސްވޯޓު ބޮކީގެ ފަނޑު އަލިކަން އެޅިފައިވާ ތަނުގައި ލިޝާ ހުރީ ކޮޅަށެވެ. މެންދުރު ގެއިން ދިޔަގޮތަށް އާރިޒް ގެއަށް ނާންނާތީ ލިޝާ ހުރީ ކަންބޮޑުވެފައެވެ. އާރިޒަށް ކަމެއް ވީ ހެއްޔެވެ؟ އެކްސިޑެންޓްވީ ހެއްޔެވެ؟ މީހަކު އަނިޔާއެއް ދިނީ ހެއްޔެވެ؟ ލިޝާ ހާސްވެގެން ނިޔަފަތިގަނޑު ހަފަން ފެށިއެވެ.
ކޮމްޕިއުޓަރުގެ އިސްކްރީނަށް ނަޒަރު ހުއްޓާލައިގެން އިން އާރިޒަށް ވަގުތުތައް ދިޔަ ގޮތްވެސް ނޭނގުނެވެ. މަސައްކަތްތައް ނިންމުމުގައި މަސްއޫލުވެ އިންދާ ސަޗިން އެތެރެއަށް ވަނެވެ. ކެއުމުގެ ވަގުތު ޖެހިއްޖެކަމަށް ބުންޏެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން އާރިޒް ފުންމައިގެން ތެދުވިއެވެ. ސަޗިންގެ އަތުން ކާރުގެ ތަޅުދަނޑި އަތުލައިގެން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. އެތެރެއަށް ވަންނަން އައި އަންހެންކުއްޖާ އެއްޗެއް ބުނުމުގެ ކުރިން އާރިޒް އޭނާ ހުރަސްކޮށްފައި ގޮސްފިއެވެ. އާރިޒްގެ ފަހަތުން ސަޗިންވެސް ނުކުތެވެ.
"ސޮރީ މޭމް..." އަންހެންކުއްޖާ ކުޑަކޮށް ހިތްހަމަނުޖެހިފައި ސަޗިންއަށް ބަލައިލުމުން ސަޗިން ބުނެލިއެވެ.
********
ގޭގެ ދޮރުގައި ޓަކި ޖަހައިލި އަޑު އިވުމުން ލިޝާ ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްލަމުން ދޮރާއި ދިމާއަށް ބަލައިލިއެވެ.
"ކާކު؟..." ލިޝާ ވަރަށް ބިރުންހުރެ ސުވާލުކުރިއެވެ.
(ނުނިމޭ)